އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަކީ މަރު ކައިރިވާކަމުގެ އިންޒާރެއް- ތައްޔާރުވޭ: ޝައިޚް ނަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަކީ މަރު ކައިރިވާކަމުގެ އިންޒާރެއް- ތައްޔާރުވޭ: ޝައިޚް ނަޝީދު
ޢުމުރުން ދުވަސްވުމުން، ދުވަސްވާވަރަކަށް ހަށިގަނޑަށް ބަދަލުތައް އަންނަ ކަމަށާއި އެ ބަދަލުތަކަކީ މަރު ކައިރިވަމުން އަންނަ ކަމުގެ އިންޒާރެއް ކަމަށް އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވެއްޖެއެވެ.

މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދަރުސް ދެއްވަމުން ޝައިޚް ނަޝީދު ވިދާޅުވީ މަރުވާނެ ވަގުތު އެކަކަށް ވެސް ނުއެނގޭނެ ކަމަށާއި ކިތަންމެ ޒުވާން ޢުމުރުގައިވެސް މަރުވެދާނެ ކަމަށެވެ. ނަމަވެސް މަރުނުވެ ދިގު އުމުރުގައި ތިބެވޭ މީހުން ޢުމުރާއިމެދު އިތުރަށް ސަމާލުކަންދޭން ޖެހޭނެ ކަމަށެވެ.

ޝައިޚް ނަޝީދު ވިދާޅުވީ ޢުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ހަށިގަނޑަށް ބަދަލުތަކެއް އަންނަ ކަމަށާއި އެގޮތުން ގައިގައި ރޫޖެހުމާއި ކަޅު އިސްތަށިތައް ނުރަވުން ފަދަ ކަންކަމަކީ މަރުކައިރިވަމުން އަންނަ ކަމުގެ އިންޒާރެއް ނުވަތަ ޢަލާމާތްތަކުގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށެވެ.

ޝައިޚް ނަޝީދު ވިދާޅުވީ ބުއްދިވެރިންނަކީ އެފަދަ އަލާމާތްތައް ބަލައިގަނެ އަމަލުތައް އިޞްލާޙްކުރާ މީހުން ކަމަށެވެ. ހެޔޮ އަމަލުތައް ކުރުން އިތުރުކޮށް މާތްﷲ އާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.

ޝައިޚް ނަޝީދު ވަނީ ދުނިޔަވީ ހަޔާތަކީ ދެވަނަ ފުރުޞަތެއް ނުލިބޭނެ އިމްތިހާނެއްކަން ބަޔާންކުރައްވައިފައެވެ. ޝައިޚް ނަޝީދު ވިދާޅުވީ ދުނިޔަވީ އިމްތިހާނުން ފެއިލްވެއްޖެނަމަ އަލުން އިށީނުމުގެ ފުރުޞަތު ނުލިބޭނެ ކަމަށެވެ. އަދި ދުނިޔަވީ އިމްތިހާނަކީ އިމްތިހާން ހަދަން ލިބޭނީ ކިހައި ވަގުތެއްކަން އެކަކަށްވެސް ނުއެނގޭނެ ކަމަށެވެ. އެހެންކަމުން މީސްތަކުންނަށް އޮތީ ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހެއްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި އިމްތިޙާނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުން ކަމަށެވެ.
މިއަދު އޮންލައިން