ނަވާޒް ޝަރީފް ފުރަތަމަ ފަހަރު ޤައުމުގެ ބޮޑުވަޒީރުކަމަށް އައީ ގިނަބައެއްގެ ބޮޑު ތާއީދަކާއިއެކުގައެވެ. އެއަށްފަހު ފެންނަން ފެށީ ކޮރަޕްޝަނުގެ އަމަލުތަކެވެ. އިވެންފެށީ ގިނަ ބައެއްގެ ޝަކުވާތަކެވެ.
ދުވަސްކޮޅެއްފަހުން ޖެނެރަލް މުޝައްރަފް އިންޤިލާބެއް ގެނެސް ނަވާޒް ޝަރީފް ހައްޔަރުކޮށް ޖަލަށްލިއެވެ. ސައުދިއަރަބިޔާއިން އެދޭތެރެއަށް ވަދެ ނަވާޒް ޝަރީފް ޖަލުން ސަލާމަތްކޮށް ސައުދިއަރަބިޔާއަށް ގެންދިއައެވެ.
ޖެނެރަލް މުޝައްރަފުގެ ވެރިކަން ވެއްޓި ބޮޑުވަޒީރުކަން އަލުން ލިބުމުން ގިނަ ބައަކު އުންމީދުކޮށްގެން ތިބީ މީނާގެ ކިބައިން ރަނގަޅު ކަންތައްތަކެއް ފެންނާނެ ކަމަށެވެ. އަދި ދެވަނަ ފަހަރު ބޮޑުވަޒީރުކަމަށް އޭނާ އިސްކުރީވެސް އެވިސްނުމުގައި ކަމަށް ބެލެވެއެވެ.
އެހެންކަމާއިއެކުވެސް މަންޒަރުތައް ފެންނަން ފެށީ މުޅިން ތަފާތުކޮށެވެ. ނުހަނު ބޮޑު މަހުޖަނުގެ ކޮރަޕްޝަން މައްސަލަތައް އިންތިހާއަށް އަރައިގެން ދިއައީއެވެ. އޮބިނޯވެގެން ސްޕްރީމް ކޯޓުން މިހާރު 2 ފަހަރުމަތިން ނަވާޒް ޝަރީފްގެ ވެރިކަން ސަލާމަތްކޮށްދީފިއެވެ.
3 ވަނަ ފަހަރަށް ހުށަހެޅި ކުރިއަށް ގެންދިއަ ޝަރީއަތްތަކުގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފައެވެ. ހަފްތާއެއް 2 ހަފްތާއެއް ތެރޭގައި ހުކުމް އިއްވާނެ ކަމަށް ބެލެވެއެވެ. މިފަހަރުވެސް ސްޕްރީމް ކޯޓުން ހަމަ ނަވާޒް ޝަރީފް އާއި ޢާއިލާގެ ކޮރަޕްޝަން މައްސަލަތައް އޮއްބައިލަދޭނީކަމާއިމެދު ގިނަ ބައަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.