ސަނީ ލިއޯނީ އަކީ މިހާރު އަންހެން ކުއްޖެއްގެ މަންމައެއް

ކިޔުމަށް ހޭދަވާނީ 1މ 54ސ
ސަނީ ލިއޯނީ އަކީ މިހާރު އަންހެން ކުއްޖެއްގެ މަންމައެއް
މުޅި ދުނިޔެއަށް މަޝްހޫރު ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް ސަނީ ލިއޯނީއަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.

ސަނީ އާއި އޭނާގެ ފިރިމީހާ ޑެނިއެލް ވެބަރ ކައިވެނިކޮށްގެން އުޅޭތާ ހަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެދެމީހުންނަށް އަމިއްލަ ދަރިއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ވަރަށް ފަހުން އެދެމަފިރިން ވަނީ މަހަރަޝްތުރާ ލާތޫރް އިން ނީޝާ ނަމަކަށް ކިޔާ އުމުރުން 21 މަހުގެ، ކުޑަ އަންހެން ކުއްޖެއް އެޑޮޕްޓް ކޮށްފައެވެ. އަދި ނީޝާ ގެ ނަންވެސް މިހާރު ވަނީ 'ނީޝާ ކޮއުރް ވޭބަރ' އަށް ބަދަލު ކުރެވިފައެވެ.

މައިންބަފައިންނަށް ވުމާއި ޒިންމާތަށް އުފުލުމާއި ބެހޭ ގޮތުން ސަނީ ލިއޯނީ ބުނީ ދަރިއަކު ބަލާބޮޑު ކުރުމަކީ ލިބިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެކަމަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި މާއްދީ ގޮތުންވެސް، އެދެމަރިން ވެސް ތިބީ ތައްޔާރަށް ކަމަށެވެ. އާއިލާއެއް ފެށުމަށްޓަކައި އެދެމަފިރިން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށާއި، އެޑޮޕްޓްކޮށްގެން މައިންބަފައިންނަށް ވީތީ އޭނާ ވަރަށް އުފާވާ ކަމަށް ވެސް ބުންޏެވެ.

"އަހަރުމެން އުފަންވެ އުޅެ ބޮޑުވީ މިތާ (އިންޑިއާ)އަކު ނޫން. އެކަމަކު ބައެއް ފަހަރު ފެންނަ ބައެއް މަންޒަރުތަކުން ހިތް ކުދިކުދި ވާވަރުވޭ. އެއާޕޯޓަށް ދާއިރުވެސް ފެނޭ ހާލުގައި ޖެހިފައިވާ ބައިވަރު ކުޑަކުދިން. ލާނެ ހެދުމެއް، އަރާނެ ފައިވާނެއް ނުވަތަ ބޫޓެއް އަދި ކާނެ ކާއެއްޗެއް އެކުދިންނަށް ނުލިބޭ. މިއީ އަހަރުމެން ވަރަށް ދެރަވާ ކަމެއް. އަހަރުމެންނަށް އެހުރިހާ ކުދިން ސަލާމަތް ނުކުރެވިދާނެ. ނަމަވެސް ނީޝާ ސަލާމަތްކޮށް ފުރިހަމައަށް އަޅާލުމާއި ލޯބި ދޭނަން. އާޝްރަމް ގައި ހުރިއިރު ވެސް ނީޝާއަށް ބޭނުންވާ އެއްޗެހި ވަނޫ ލިިބިފައި. ނަމަވެސް އެވަރުންވެސް އޭނާހުރީ ބަރުދަން ވަރަށް ބޮޑަށް ލުއިވެފަ. އޭނާއަށް ވަރަށް ބޮޑަށް އަޅާލުން ބޭނުންވޭ. އަދި އަހަރުމެން މިތިބީ އެކަންތައްތައް ކުރަން ތައްޔާރަށް." ސަނީ ލިއޯނީ ހިންދުސްތާން ޓައިމްސް އަށް މަޢުލޫމާތު ދެމުން ބުންޏެވެ.

ސަނީ ލިއޯނީ ބުނި ގޮތުގައި އެދެމަފިރިން ބޭނުންވީ، އަމިއްލަ ދަރިއެއް ހޯދައިގެން ނޫން ކަމުގައި ވިޔަސް، އަމިއްލަ އާއިލާއެއް ބިނާ ކުރާށެވެ. ޑެނިއެލް އާއި ސަނީ، ނީޝާ ކޮއުރް ވެބަރ އެޑޮޕްޓް ކުރިކަން ހާމަކޮށްފައިވަނީ، އެޑޮޕްޓް ކުރިތާ ހަފްތާއެއް ފަހުންނެވެ.




މިއަދު އޮންލައިން