ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަކުއްޖާ (ހަވަނަ ބައި)

ކިޔުމަށް ހޭދަވާނީ 4މ 55ސ
ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަކުއްޖާ (ހަވަނަ ބައި)
އަތިރިމަތީގެ ރާޅުޖަހާ ފަށުގައި ދައްތަ ރޯމަހެއް ކާން އިންތަން ފެނުމުން އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެންމެންވެސް ތިބީ ކަޅިޖަހާ ނުލާ ދައްތައާއި ދިމާލަށް ބަލާށެވެ.

ބައްޕައަށް ނުހުރެވިގެން ދައްތަގެ އަތުގައި ހިފާ އެތަނުން ނެގިއެވެ. އަދި ރޯމަސް އަތުލާފައި އެއްލާލިއެވެ. އެކަމާއި ދައްތަ ވަރަށް ރުޅިއައެވެ. ކިހިނެއް ވެގެންހޭ ތިއުޅެނީ ބުނެ ބައްޕައާއި ދިމާލަށް ހަޅޭލަވައިގަތެވެ. އެފަދައިން ދައްތަ ކަންތައް ކުރުމުން ވެސް އެންމެންނަށް ލިބުނީ ޝޮކެކެވެ. އެއީ ދައްތައަކީ ކިތަންމެ ސިޔާސަ މީހެއް ކަމުގައި ވީނަމަވެސް، ދުވަހަކުވެސް ބައްޕައާއި ދިމާލަށް ހަޅޭ ލަވާ މީހެއް ނޫނެވެ. ހަޑިހުތުރުކޮށް ވާހަކަވެސް ނުދައްކާނެ އެވެ.

ދައްތަގެ އެއަމަލުތަކުން އަހަރެންވެސް ހައިރާންވި ނަމަވެސް، ކޮންމެވެސް ވަރަކަށް ހިތްހަމަ ވެސް ޖެހުނެވެ. އެއީ އެގޮތަށް ކަންތައް ވީތަން ބައްޕަމެންނަށް ވެސް ފެނުމުން، ދެން ބައްޕަމެން އެވާހަކަތަށް ޤަބޫލު ކުރާނެތީ އެވެ.

ނަމަވެސް މިފަހަރު ވެސް ދައްތަ މާހުޝިއާރެވެ. ބައްޕަ ގާތު މާފަށް އެދިފައި ބުނީ އަހަންނާއި ކުރި ޗެލެންޖެއްގައި، ދައްތަ ކައިރީ މަސްކާން އަހަރެން ބުނެގެން ކެއީކަމަށެވެ. އަހަންނަށް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. މަންމައާއި ބައްޕަ އަހަންނާއި ދިމާލަށް ރުޅިއައިސްގެން ބަލަން ފެށިއެވެ. އެއީ އަހަރެން ދައްކާ ވާހަކަ ޤަބޫލު ކުރުވަންވެގެން ކުރިކަމެކޭ ވެސް ބުނެ، މަންމަ އަހަރެންގެ ބޮލުގައި ތުހުމަތު އެޅުވިއެވެ.

އަހަންނަށް ވެސް ލިބުނު ޝޮކެއްގެ ސަބަބުން އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެރަށަށް ގޮސްފައި އަހަންނަށް އަދަބެއް ދޭނެކަމަށް ބައްޕަ ބުނުމުން ވެސް އަހަރެން ހަމަ ހުރިތާނގައި ހުރީއެވެ.

ޢިޝާ ނަމާދުގެ ކުރިން ދެން ދަތުރު ނުކުރެވޭނޭ ދޯނި ދުއްވާ މީހާ ބުނެފައިވުމުން، އެންމެންވެސް ނިންމީ ޢިޝާ ނަމާދު ވަގުތު އަތިރިމަތީގައި ދަރުރޯކޮށް އަލިފާންގަނޑެއް ޖަހައިގެން އެންމެން އެއްތަނެއްގައި ތިބުމަށެވެ. އަލިފާންގަނޑު ރޯކޮށްފައި، ބާކީ ހުރި އެއްޗެއް ކައިގެން އެންމެން އަރާމު ކޮށްލަން އޮށޯވެލިއެވެ.

ކާހިތް ނުވާތީއާއި ވެފައިވާ ދެރައިގެ ސަބަބުން އަހަރެން އިނީ އެންމެންނާއި ތަންކޮޅެއް ދުރުގައި ރޯށެވެ. މަންމަމެން އެންމެ ބޮޑަށް ލޯބިވަނީ ދައްތަ ދެކެއޭ އެހެންވެ އޭ އަބަދުވެސް އަހަރެން ބާކީ ވަނީ ހިތަށް އެރިއެވެ.

އެތަނުގައި އެހެން އިންދާ އަހަރެން ކައިރިއަށް ބޭބެ އައެވެ. އަދި ހާސް ނުވާށޭ، މަންމަމެން އެހެން ބުންޏަސް އަދަބެއް ނުދޭނޭ ބުނެ ދައްތަ އެހަދަނީ ދޮގެއްކަން އިނގޭ ކަމަށްވެސް ބުނެ އަހަންނަށް ހިތްވަރު ދިނެވެ. ބޭބެ ދެއްކި ވާހަކަތަކުން އަހަރެން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ.

ކުއްލިއަކަށް އަހަރެންގެ ނަޒަރު ހުއްޓުނީ ބައްޕައަށެވެ. މަންމަ ގާތު އޮށޯވެގެން އޮވެފައި، މަޑުމަޑުން ބައްޕަ ތެދުވިތަން ފެނުނެވެ. އަދި ޒޮމްބީއެއްހެން ގޮސް ބައްޕަ ވަނީ ވަލަށެވެ. ހީވަނީ ކޮންމެވެސް އެހެންކަހަލަ ބާރަކުން ބައްޕަ ކޮންޓްރޯލް ކުރާ ހެންނެވެ.

އެމަންޒަރު އަހަރެން ބޭބެއަށް ދެއްކީމެވެ. އަދި ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ޔަޤީންވެގެން އަހަންނާއި ބޭބެ އަވަހަށް އެދިމާލަށް ދުއްވައިގަތީމެވެ. އަހަރުމެން ދުވާތަން ފެނިގެން، އަހަރުމެންގެ ފަހަތުން އަހަރުމެން ތިބޭ ގޭގެ ދެފިރިހެނަކާއި ދޯނީގެ ފަޅިވެރިއެއް ވެސް ދިޔައެވެ. އަހަރުމެންނަށް ފެނުނީ ބައްޕަ ވަރަށް ބާރަށް ދާތަނެވެ. އަަހަރުމެން އެންމެންނަށް ވެސް ޖެހުނީ ބައްޕަ ފަހަތުން ދުވާށެވެ. އެވަރުން ވެސް ބައްޕައާއި އެއްވަރަކަށް ނުދެވުނެވެ. ބައްޕައަށް ގޮވާ ގޮވާ މަޑެއްވެސް ނުކުރިއެވެ. އަދި ފަސް އެނބުރި ބަލާވެސް ނުލައެވެ. ވަރަށް ބާރަށް ގަސްތަކުގެ ތެރެއިން ގޮސް ގެއްލުނީއެވެ.

ބައްޕަ ހޯދަން އެހިސާބު ހޯދާ ހޯދާ ވެސް ނުފެނުނެވެ. އެހެންކަމުން އެކި މީހުން އެކި ދިމަދިމާލަށް ގޮސް ހޯދާގޮތަށް ނިންމީމެވެ. އަހަންނާއި ބޭބެ ދިޔައީ އެއްކޮށެވެ. ގަސްތަކުގެ ތެރެއިން ދަމުން ގޮސް އަނެއްފަރާތު އަތިރިމައްޗަށް ނިކުތުމުން ބައްޕަ އެތަނުގައި މަޑުކޮށްގެން ހުއްޓާ ފެނުނެވެ. ދުރުން ފެނުންއިރު ވެސް ބައްޕަގެ އަތުގައި އެއްޗެއް އޮތްހެން ހީވިއެވެ. ނުބައެއް އުޅޭހެން ހީވެގެން އަހަންނާއި ބޭބެ ފައިގާ ހުރިހާ ބާރެއްލާފައި ބައްޕައާއި ދިމާލަށް ދުއްވައިގަތީމެވެ. ބައްޕަގެ އަތުގައި އޮތީ، ކަތިވަޅިއެއްކަން އެނގުނީ އެވަގުތުއެވެ.

އަހަރުމެންނަށް ބައްޕައާއި ހަމައަށް ދެވުމުގެ ކުރިން، ބައްޕަ ވާއަތަށް ކަތިވަޅިލާފައި، އެއަތް ދަމާބަހައްޓާފައި، ކަތިވަޅިން ވާއަތުގެ ކޮނޑުހުޅާއި އުޅަނބޮއްޓާއި ދެމެދު ޖަހާ ވަކިކޮށްލިއެވެ....

ލޭތައް ހުއްޓުމެއް ނެތި އޮހޮރެން ފެށިއެވެ. ވާއަތް ބުރިކޮށްލުމާއި އެކީ، ޚަބަރު ހުސްވެގެން ބައްޕަ ވެއްޓުނެވެ. އެމަންޒަރު ފެނުމާއިއެކީ އަހަރެން ހަމަ ހުރި ދިމާލަށް ގަނޑު ވިއެވެ. ދެލޯ ބޮޑުވެ، ވަށައިގެން ވާ ކަންތައްތައް ނޭނގޭ ފަދައިން ހުއްޓުން އެރިއެވެ. އަހަރެން ހުރީ، ލެއިން ތަތް ތެޅިފައި އޮތް އަހަރެންގެ ބައްޕައާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ރޯންވެސް ނޭނގިފައެވެ.

"ބައްޕާ" އޭ ގޮޥާ ބޭބެ ހަޅޭލަވާ ވަރަށް ބާރަށް ރުއި އަޑު އިވުނެވެ. އެއަޑަށް އެހެން މީހުންވެސް އެތަނަށް އެއްވެ ބައްޕަ ނަގައިގަނެގެން ދިޔަތަން ފެނުނެވެ. އެއިރުވެސް އަހަރެން ހުރީ ހަމަ ހުއްޓުން އަރާފައެވެ. ވާނުވާއެއް އަހަންނަކަށް ނޭނގެއެވެ. ނަމަވެސް އަހަރެންގެ އަތުގައި ހިފައިގެން އޭގެން ކޮންމެވެސް އެކަކު އަހަރެންވެސް އެމީހުންނާއި އެކީ ގެންދާކަން އިޙުސާސް ކުރެވުނެވެ. މަންމައަށް ބައްޕަ ފެނިގެން ރޯންފެށިތަނާއި، ދޯނި ދުއްވާ މީހާ ގާތު، ބައްޕަ ހޮސްޕިޓަލަށް އަވަހަށް ގެންދަން ޖެހޭނޭ، އަވަހަށް ހިނގާށޭ ބުނެ، އާދޭސް ކުރާތަން ވެސް އަހަންނަށް ފެނުނެވެ.

"ފެނިއްޖެ ދޯ އަހަރެން ކުރާ ކަންތައް ހުއްޓުވަން އުޅޭ މީހުންނަށް ވާގޮތް؟ މިފަހަރު އެބުރިވީ އަތް، ދެން ފަހަރަކުން ބުރިވާނީ ކަރުކަމަށް ވެސް ވެދާނެ ދޯ...؟ ހެހެހެހެ" ދައްތަ އަހަރެންގެ ފަހަތުން އައިސް، އަހަރެން ގާތު ބުންޏެވެ.

(ހަތް ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)
މިއަދު އޮންލައިން