ލޯތްބަކީ ހަމައެކަނި ދެމަފިރިން އެކަކު އަނެކަކު ދެކެ "އައި ލަވް ޔޫ" ބުނެ އެކު އެކީގައި އުޅުމެއް ނޫނެވެ. އެއީ އެކަކު އަނެކަކު ދީނީ ވާޖިބުތަށް ފުރިހަމައަށް އަދާ ކުރަން ބާރު އަޅާ، މާތް ﷲ އާއި އަޅާއާއި ދެމެދު އޮންނަންވާ ގުޅުން އެންމެ ބޮޑަށް ވަރުގަދަ ކުރަންވެސް ބާރު އެޅުމެވެ.
މިވާހަކައިން ވެސް އެކަން ވަރަށް ބޮޑަށް ދޭހަވެއެވެ.
އެއްދުވަހަކު ފިރިއެއް އޭނާގެ އަނބިމީހާ ގާތު އެއްސެވެ. ކަނބުލޭގެ ޢަސްރު ނަމާދު ކޮށްފިން ހެއްޔެވެ.
ޖަބާބުގައި އޭނާގެ އަނބިމީހާ ބުންޏެވެ. ނޫނެކެވެ.
"ކީއްވެ" ފިރިމީހާ ސުވާލު ކުރުމުން އަނބިމީހާ ބުންޏެވެ.
"މަސައްކަތު ގޮސްފަ އައި އިރު އަހަރެން ހުރީ ވަރަށް ވަރުބަލިވެފަ. އެހެންވެ އަހަރެން ކުޑަކޮށް ނިދާލީ"
އަނބިމީހާގެ މިޖަވާބާއި މެދު ހިތްހަމަ ނުޖެހުން ކަމުގައި ވިޔަސް ފިރިމީހާ ހަމައެކަނި އޭނާ ގާތު ބުނީ ޢިޝާ ނަމާދަށް ބަންގި ގޮވުމުގެ ކުރިން ގޮސް މަޤްރިބް ނަމާދު ކުރުމަށެވެ.
އޭގެ އަނެއް ދުވަހެވެ. ވިޔަފާރި ދަތުރެއްގައި ފިރިމީހާއަށް ޖެހުނީ ކައިރި އަވަށަކަށް ފުރާށެވެ. ފިރިމީހާގެ ފްލައިޓް ޖައްސަން އޮތް ގަނޑި ފަހަނަ އަޅާ ގޮސް ވަރަށް ގިނައިރު ވުމުން ވެސް އޭނާގެ އެއްވެސް ޚަބަރެއް އަނބިމީހާއަކަށް ނުވިއެވެ. ފިރިމީހާއަކީ އާއްމުކޮށް އެގޮތަށް ދަތުރެއް ކޮށްފިނަމަ އެތަނަކަށް ދެވުމާއިއެކީ، ރައްކާތެރި ކަމާއިއެކީ ދެވިއްޖެކަން އަނބިމީހާއަށްއަންގާ މީހެކެވެ. ނަމަވެސް އެފަހަރު ފިރިމީހާގެ ފޯނު ކޯލެއްވެސް އަދި މެސެޖެއްވެސް ނައުމުން އަނބިމީހާ ކަންބޮޑުވިއެވެ. ވަރަށް ގިނައިން ފިރިމީހާގެ ފޯނަށް ގުޅިއެވެ. ނަމަވެސް އަނބިމީހާގެ ކޯލުތަކަށް ޖަވާބެއް ނުލިބުނެވެ.
ފިރިމީހާއަށް ކޮންމެވެސް ކަމެއް ވެއްޖޭ ހިތަށް އަރާ އަނބިމީހާ ވަރަށް ކަންބޮޑުވިއެވެ. އެޙާލުގައި އިންދާ، ގަޑީރުތަކެއް ފަހުން ފިރިމީހާގެ ފޯނު ކޯލެއް އައެވެ.
"ސަލާމަތުން ދެވުންތަ؟" އަނބިމީހާ އެންމެ ފުރަތަމަ ވެސް އަހާލިއެވެ.
"އާނ. އަލްޙަމްދުލިﷲ" ވަރަށް ހަމަޖެހިލާފާ ފިރިމީހާ ޖަވާބު ދިނެވެ.
"ކޮން އިރަކު ދެވުނީ" ފިރިމީހާގެ ޚަބަރެއް ނުވެ ގިނައިރުތަކެއް ވުމުން އަނބިމީހާ އެނގެން ބޭނުންވިއެވެ.
"މީގެ ހަތަރު ގަޑީރު ކުރިން" އަނެއްކާވެސް ހަމަޖެހިލާފައި ފިރިމީހާ ޖަވާބު ދިނެވެ. ނަމަވެސް ފިރިމީހާގެ އެޖަވާބުން އަނބިމީހާ ފުދޭވަރަކަށް ހިތްހަމަ ނުޖެހި ރުޅިއައެވެ.
"ހަތަރު ގަޑީރު ކުރިން ދެވުން އިރު ކީއްވެ ނުގުޅީ؟ އަހަރެން ވަރަށް ގުޅިން ފޯނު ރިންގުވާ އަޑު ނުއިވުންތަ؟"
"ނޫން، އިވުން. އަހަރެން ހުރީ ވަރުބަލިވެފައި. އެހެންވެ ނިދާލީ."
"އަހަރެން ފޯނު ކުރި އިރު އެއަޑު އިވުން އިރުވެސް ޖަވާބު ނުދިނީ؟ އަހަރެންގެ ކޯލު މުހިންމެއް ނޫންތަ؟ އަހަރެން ހާދަ ހާހެއް ވިއޭ" އަނބިމީހާގެ ޝަކުވާ ކިޔާދިނެވެ.
"ކަނބުލޭގެ ގެ ފޯނު ކޯލުތަށް އަހަންނަށް މުހިންމު. އެކަމަކު، ކަނބުލޭގެ އަށް އިއްޔެ ޢަސްރު ނަމާދަށް ބަންގި ގޮވި އަޑު ނުއިވޭތަ؟ އެކަމަކު ނަމާދު ކުރުމަށްވުރެ ކަނބުލޭގެއަށް ވެސް މުހިންމުވީ ނިދާލުން ނޫންތަ؟ ބަންގި އަކީ މާތް ﷲ ގެ ގޮވުން."
ފިރިމީހާ އެހެން ބުނުމުން އަނބިމީހާއަށް ރޮވިއްޖެއެވެ. އަދި އޭނާއަށް ވިސްނާދޭން އުޅުނު ކަންތައް ވިސްނިއްޖޭ ބުނެ ފިރިމީހާގެ ކިބައިން މާފަށް އެދުނެވެ.
"ކަނބުލޭގެ މާފަށް އެދެންވީ އަހަރެންގެ ކިބައިންނެއް ނޫން. އެންމެ ފުރަމަތަ ފާފަ ފުއްސެވުން އެދި ދުޢާ ކުރަންވީ ހެއްދެވި ފަރާތް ހަޟްރަތުން. އަހަރެން ބޭނުމީ ދެދުނިޔޭގައި ވެސް ކަނބުލޭގެ އަހަރެންގެ ހަޔާތުގެ ބައިވެރިޔާ ކަމުގައިވުން. އަދި ސުވަރުގޭގައި އަހަރުމެން ދެމަފިރިންނަށް އެކުއެކީގައި ދިރިއުޅެވޭނެ ގަނޑުވަރެއް ބިނާ ކުރެވުން"
އެދުވަހަށްފަހު، އޭނާގެ އެނބިމީހާ (ނަމާދު ކުރެވޭ ޙާލަތެއްގައި ހުންނައިރު) އެންމެ ނަމާދެއް ވެސް ނުކޮށް ދޫކޮށް ނުލައެވެ.