މުސްލިމުން ނަމާދުކުރުމަކީ ބަޑީގެ ބިރު ދައްކައިގެން ހުއްޓުވޭނެކަމެއް ނޫނެވެ. އެކަން އެންމެފަހުން ދުނިޔެއަށް ދައްކައިދިނީ މިދިއަ ހުކުރު ދުވަހު ފަލަސްޠީނުގެ މުސްލިމުންނެވެ.
މަސްޖިދުލްއަޤްޞާގައި ހުކުރުކުރަން ހުރަސްއެޅުމުން އެންމެން ދިއައީ ހާމަތަންތަނަށެވެ. ލައްކައެއްހައި މުސްލިމުންނަށް އެއްތަނެއްގައި ނަމާދުކުރުމުގެ ފުރުޞަތު ނުލިބޭނެތީ އިރުމަތީ ޖެރޫސަލަމުގެ އެކިއެކި ސަރަހައްދުތަކަށެވެ.
މުސްލިމުން ނަމާދުކުރަމުން ދިއައިރު ޔަހޫދީ ސިފައިން ތިބީ އެންމެ ޒަމާނީ ހަތިޔާރުތައް ހިފައިގެން އެމީހުން ވަށާލައިގެންނެވެ. ބޮޑެތި ބަޑިތައް ދިއްކޮށްގެންނެވެ. ހަމަ ކޮންމެ ވަގުތަކުވެސް ބަޑި ޖަހާފާނެ ކަމުގެ ބިރު ދައްކައިގެންނެވެ.
44 ޑިގްރިއަށް ހޫނުމިން އަރާފައިހުރިއިރުވެސް މުސްލިމުންނަށް އެކަމުގެ އަސަރުކުރިކަމަކަށްވެސް ނުވެއެވެ. ބިމުގެ ވެލިގަނޑު ދޮންވެފައި ހުރިއިރު އަރަމުން ދިއަ ހޫނުން ފަޔަށް ހޫނުކަން ލިބުނު ކަންވެސް އިޙްސާސެއް ނުކުރެވުނެވެ.
މުސްލިމުން އިމާންވަނީ މާތް ﷲ އަށެވެ. ބަޑި ޖަހައިގެން ނަމަވެސް އެނޫން ގޮތަކުން ނަމަވެސް މަރުވުމުން އެނބުރިދާނީ ފުރާނައިގެ ވެރި މާތް ﷲ ގެ ހަޟަރަތަށްކަން މުސްލިމުން އަބަދުވެސް ޔަޤީން ކުރެއެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި މިފަދަބިރުވެރި ދަތިހާލުތަކުގައި މުސްލިމުން ނަމާދުކުރަމުން ގެންދާއިރު ނުހަނު ފަސޭހަކަމާއިއެކު ނަމާދުކުރެވެން ތިބި ދިވެހިންނަށް އެކަން ބަލައިގަނެވެނީ ކިހައި މިންވަރަކަށްބާވައެވެ!