މިފަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި އެންމެފާހަގަކޮށްލެވޭ ޓީމަކަށް މާޅޮސް ވާނެ...

ކިޔުމަށް ހޭދަވާނީ 1މ 34ސ
މިފަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި އެންމެފާހަގަކޮށްލެވޭ ޓީމަކަށް މާޅޮސް ވާނެ...
މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި މާލޭގެ ޓީމުތަކާއި އެއްފެންވަރެއްގައި ވާދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ ޢަޒުމުގައި އއ. މާޅޮސް ޓީމު އަތުކުރި އޮޅާލާ، މަސައްކަތް ފަށައިފިއެވެ.

އެގޮތުން އީގަލްސް އާއި ވެލެންސިއާއަށް މޮޅު ކުޅުމެއް ދައްކާފައިވާ ސްޕެއިނުގެ މިޑްފީލްޑަރ އެންޖެލް މުނޯޒް އާއި ޒެފްރޯލަށް ކުޅުނު ބޯޓެން އާއި ވެލެންސިއާ، މާޒިޔާ އަދި ޔުނައިޓެޑް ވިކްޓަރީއަށް ކުޅުނު ޒުވާން ކުޅުންތެރިޔާ ޢަބްދުލް ވާހިދު (ވާޑު) ވަނީ އެޓީމަށް ގެނެސްފައެވެ. އަދި މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކުލަބުގައި މޮޅު ކުޅުމެއް ދެއްކި ޢަލީ ހާފިޒް (ހާއްޕެ) އާއި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށާއި ޤައުމީ ޓީމަށް ކުޅުނު އަހުމަދު މުހައްމަދު (އައްމަޑޭ) އާއި ބީޖީއަށް ކުޅުނު ޢަބްދުﷲ ފައުޒާން (ފައުޑީ) އާއި މާޒިޔާ އާއި ޒުވާން ޤައުމީ ޓީމަށް ކުޅެފައިވާ ޢަބްދުﷲ އިބްރާހިމް (ކްރެސްޕޯ) ވެސް ވަނީ މާޅޮހު ޓީމަށް ގެނެސްފައެވެ.

މިނިވަން ޗެމްޕިއަންޝިޕުގައި އެންމެ ތަޖުރިބާ މަދު ޓީމުގެ ގޮތުގައި ބައިވެރިވެ، ސެމީފައިނަލުން ޖާގަ ހޯދި އއ. މާޅޮސް ޓީމު މިހާރުވަނީ އެޓީމުގެ ކޯޗުގެ މަޤާމަށް ބީޖީ، އީގަލްސް އަދި ވިކްޓަރީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ޢަލީ ނިސްތާރު މުހައްމަދު ހަމަޖައްސާ، އޭނާގެ އިރުޝާދުގެ ދަށުން ޓީމުގެ ފަރިތަކުރުންތައް ފަށާފައެވެ.

މާޅޮސް ޓީމުގެ އިތުރުން އެހެން ޓީމުތަކުންވެސް އަންނަނީ ދިވެހި ޕްރިމިއަރ ލީގަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ޓީމު ކަމަށްވާ މާޒިޔާ އާއި ގްރީންސްޓްރީޓްސް އާއި ނިއު ރޭޑިއަންޓް އާއި ޓީސީ އާއި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ 4 ޓީމު ކަމަށްވާ ދ. ކުޑަހުވަދޫ އާއި ތިނަދޫ އާއި ށ. މިލަންދޫ އާއި އއ. މާޅޮހެވެ.

މިއަދު އޮންލައިން