ރާއްޖޭގެ މިނިވަން ދުވަހުގެ އިފްތިފާލްތައް ޝަރަފުވެރިކޮށްދެއްވި ޕާކިސްތާނުގެ ބޮޑުަވަޒީރު މުޙައްމަދު ނަވާޒް ޝަރީފްގެ ބޮޑުވަޒީރުކަމާ މަޖިލިސް މެންބަރުކަން ގެއްލިއްޖެއެވެ.
ދެ މަޤާމު ވެސް ގެއްލުނީ އެމަނިކުފާނަކީ އެފަދަ މަޤާމެއްގައި ހުންނަވަން އެކަށީގެންނުވާ ބޭފުޅެއް ކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން ކުރި ޙުކުމާއި ގުޅުމާއި ގުޅިގެންނެވެ. ސްޕްރީމް ކޯޓުން މިފަދަަ ޙުކުމެއް ކުރީ އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާގެ މެންބަރުންގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކާއި ގުޅިގެންނެވެ.
ސްޕްރީމް ކޯޓުން ވަނީ މީގެ ކުރިން މިފަދަ 2 މައްސަލައެއްގައި ނަވާޒ ޝަރީފް ސަލާމަތްކޮށްދީފައެވެ. 3 ވަނަ ފަހަރު މިފަދަ ޙުކުމެއް މިކުރީ ކޮރަޕްޝަނުގެ ކަންތައްތައް ހައްދުފަހަނައަޅައި ދިއުމުންނެވެ. މިއަދު މެންދުރު ކުރި މިޙުކުމާއި ގުޅިގެން ނަވާޒް ޝަރީފް ވަނީ މަޤާމުން އިސްތިއުފާދެއްވަން ނިންމެވިކަން ހާމަކުރައްވައިފައެވެ.
ޕާކިސްތާނުގެ ޢާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. އެހާތަނަށް ބޮޑުވަޒީރުކަން ކުރައްވާނެ ބޭފުަކާއިމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ނަވާޒް ޝަރީފްގެ ތަރުޖަމާނު ބުނެފައިވަނީ ޙުކުމުގައި ކަންބޮޑުވާ މައްސަލަތަކެއް އެބަހުރި ކަމަށާއި އެމައްސަލަތަކަށް އިންޞާފު ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.
މިއީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ނަވާޒް ޝަރީފް ކުރައްވާތާ 3 ވަނަ ދައުރެވެ. އެހެން އެއްވެސް ބޮޑުވަޒީރަކަށް ބޮޑުވަޒީރުކަމުގެ ދައުރު ފުރިހަމަކުރެއްވިފައެއް ނުވެއެވެ.
ނަވާޒް ޝަރީފް އާއި އޭނާގެ ޢާއިލާގެ ކޮރަޕްޝަން މައްސަލަތަކުގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި ޚާއްޞަ ކޯޓަކުން މައްސަލަ ބެލުމަށް ވެސް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.