ނަވާޒް ޝަރީފް "އުމުރާ"އަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނަވާޒް ޝަރީފް "އުމުރާ"އަށް؟
ނަވާޒް ޝަރީފުގެ ވެރިކަމުގައި ޕާކިސްތާނާއި ސައުދިއަރަބިޔާގެ ގުޅުންތައް ވަނީ ދުވަހަކު ބަދަހިނުވާވަރަށް ބަދަހިވެފައެވެ. ސައުދިއަރަބިޔާގެ އެހީތެރިކަން ޕާކިސްތާނަށް ފޯރުކޮށްދިނުން ވަނި ވަރަށް ބޮޑުތަން އިތުރުކޮށްފައެވެ.

ޖެނެރަލް މުޝައްރަފު އިންޤިލާބެއް ގެނެސް ނަވާޒް ޝަރީފުގެ ވެރިކަން ވައްޓައިލުމުން ނަވާޒްޝަރީފް ގެންގޮސް ހިމާޔަތްދިނީ ވެސް ސައުދިއަރަބިޔާއިންނެވެ. އެހެންކަމުން ޕާކިސްތާނުގެ ބޮޑުވަޒީރުކަަމަށް އެނބުރިވަޑައިގަތުމުގެ ފުރުޞަތު ނަވާޒް ޝަރީފަށް ލިބިވަޑައިގަތީ ސައުދިއަރަބިޔާގެ ސަބަބުންނެވެ.

ސައުދިއަރަބިޔާގެ މިހައި ބޮޑު ތާއީދެއް އޮއްވައި ފެނިގެންމިދިއައީ ނަވާޒް ޝަރީފުގެ ކޮރަޕްޝަނުގެ މައްސަލަތައް އިތުރުވެ މަޤާމުން ވަކިކުރުވަން އެޤައުމުގެ ސްޕްރީމް ކޯޓަށް މަޖުބޫރުވިތަނެވެ. ދެން އެހެން ގޮތެއް ނެތުމުން ނަވާޒް ޝަރީފަށް މިހާރު އެވަނީ އެނބުރި ގެއަށް ދާން މަޖުބޫރުވެފައެވެ.

މިބަދަލާއިއެކު ސައުދިއަރަބިޔާއިން ޕާކިސްތާނާއިއެކު ބާއްވަމުން އަންނަ ގުޅުންތަކަށް ވާނެގޮތަކާއިމެދު ސުވާލުތައް ވަނީ އުފެދިފައެވެ. ފެންނަ ފެނުމުގައި ނަވާޒް ޝަރީފު ބޭރުކުރި ނަމަވެސް އަންނަ އަހަރުގެ އިންތިޚާބާއި ހަމައަށް ވެރިކަން ކުރާނީ އޭނާގެ ޕާޓީންނެވެ. ވެރިކަން ދޫކުރަން މަޖުބޫރުވާނީ އަންނަ އަަހަރުގެ އިންތިޚާބުން ފެއިލްވެއްޖެނަމައެވެ.

އެހެންކަމާއިއެކުވެސް ނަވާޒް ޝަރީފަށް އޮތް ސަލާމަތްކަމަކާއިމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ކޮރަޕްޝަނުގެ މައްސަލަތައް ބަލާނެއެވެ. ކުށްވެރިވާނަމަ ޖެހޭނީ ހަމަ ޖަލަށް ވަންނާށެވެ!

އެހެންކަމުން ފުރުޞަތު ލިބިއްޖެނަމަ ނަވާޒް ޝަރީފް ވަރަށް އަވަހަށް "ޢުމްރާ"އަށް ފުރައިފާނެކަމާއިމެދު ވަނީ ޝައްކުތައް އުފެދިފައެވެ.

މިއަދު އޮންލައިން