ޖެލީނާ އަކީ އޭނާގެ ހުރިހާ ގުނަވަންތަކެއް ދައްކައި އިޝްތިހާރުކޮށްގެން މަހަކު 2 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދަމުން އައި އެމެރިކާގެ "ތަރި"އެކެވެ. ނަމަވެސް މިދިއަ އަހަރުގެ މެއި މަހުން ފެށިގެން ޖެލީނާ ވަނީ އޭނާގެ ހަޔާތް މުޅިން ބަދަލުކޮށްލައިފައެވެ.
ޖެލީނާ ބުނީ ފައިސާ ހޯދަން އޭނާ ނުކުތީ އުމުރުން 19 އަަހަރުގައި ކަމަށާއި ފައިސާ އައީ ލިބެމުން ކަމަށެވެ. އެގޮތުގައި 10 އަހަރު ފާއިތުވެގެންދިއައިރުވެސް ލިބުނު ހަޤީޤީ ހިތްހަމަޖެހުމެއް ނެތުމުން ހަޔާތުގެ މިސްރާބު ބަދަލުކޮށްލީ ކަމަށެވެ.
ޖެލީނާ ބުނީ އޭނާއަކީ އެންމެން އުނދުޅިބާނާ ސޫޕް ތެއްޔަކަށްވާން އެއްވެސް އިރެއްގައި ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެނާއަށް އުޅެވުނު ގޮތުން އެކަންތައް އައީ އެގޮތަށް މެދުވެރިވަމުން ކަމަށެވެ. "އަހަރެން މީހަކާއެކު "ސިރިއަސް" ވާން މަސައްކަތްކުރި ނަމަވެސް އެކަން އެކަކުވެސް ޤަބޫލެއް ނުކުރޭ. ސީރިއަސްކަމަށް ބުނެ ދުވަސްކޮޅަކު އެކީގަ އުޅެފަ ދޫކޮށްލަނީ. އެއީ އަހަރެން އެކަން ބޭނުންވި ގޮތެއް ނޫން. ސަބަބާއިމެދު ވަރަށް ގިނަ ދުވަހު ވިސްނިން. އެނގުނީ އެމީހުން އަހަރެންނަށް އިތުބާރު ނުކުރަނީކަން. ނުކުރަނީ އަހަރެންކުރާ މަސައްކަތުގެ ސަބަބުންކަން."
ޖެލީނާ ބުނީ އޭނާގެ ހަޔާތް ބަދަލުކޮށްލީ ބައްދަލުވި މުސްލިމް ޒުވާނެއް ކަމަށެވެ. ހަޔާތް ބަދަލުކޮށްލުމުގެ ހިތްވަރު ލިބުނީ ކީރިތި ޤްރްއާނުން ކަމަށެވެ.
ޖެލީނާ ކިޔައިދިނެވެ.
އަހަރެންނަށް އެޒުވާނާ ފެނުނީ ޝޮޕިންގ މޯލަކުންނެވެ. ފެނުމާއިއެކު އަހަރެންގެ ހިތުގައި އޭނާއަށް ޝައުޤުވެރިކަން އުފެދުނެވެ. އެހެންކަމުން އެއްވެސް ފަސްޖެހުމެއް ނެތި އަހަރެން އޭނާ އާއި ވާހަކަ ދެއްކީމެވެ. އަހަރެން ތަޢާރަފްވީމެވެ. އަދި އެރޭގެ ކެއުމަށް ދައުވަތުދިނީމެވެ.
އަހަރެން ބޭނުންވީ އެންމެ އަގުބޮޑު ނައިޓްކްލަބަށް ދިއުމަށެވެ. ނަމަވެސް އޭނާ އެކަން ޤަބޫލެއް ނުކުރިއެވެ. އޭނާ އަހަރެންނާއި ބައްދަލުކުރަން އެއްބަސްވީ އޭނާ ހުންނަ ހޮޓަލުގެ ރެސްޓޯރަންޓުގައެވެ. އެގޮތް ވެސް އަހަރެން ޤަބޫލުކުރީމެވެ.
އެރޭގެ ކެއުމުގައި އޭނާ ދެއްކި ވާހަކަތައް ވެގެންދިއައީ ވަރަށް ތަފާތު ވާހަކަތަކަކަށެވެ. އެހައިތަނަށް ދުވަހަކުވެސް އަޑުވެސް އިވިފައި ނުވާ ވާހަކަތަކަކަށެވެ.
އޭނާ ބުންޏެވެ. ކަލޭމެން އަންހެނުންނަށް ނުވެސް ވިސްނެނީއެވެ. ކަލޭމެންނަށް މާތްﷲ ދެއްވެވި ގުނަވަންތަކުގެ އަގުގެ ބޮޑުކަމެވެ. ނިކަން ވިސްނައިލަ ބަލާށެވެ. ކަލޭގެ ގުނަވަންތަކުގެ މަންޒަރުތައް ގަތުމަށް އެމީހުން މަހަކު 2 މިލިއަން ޑޮލަރު އެ ހޭދަކުރަނީ އެ ވިއްކައިގެން އެމީހުންނަށް ކިހައި ބޮޑު އާމްދަނީއެއް ލިބޭތީކަމެވެ.
މިބާވަތުގެ ވަރަށް ގިނަ ވާހަކަތައް އޭނާ ދެއްކިއެވެ. އަދި އަހަރެންގެ ފޯނަށް ބައެއް ލިންކުތައް ފޮނުވައިދިނެވެ. ރަނގަޅަށް ވިސްނައިގެން އެ ލިޔުންތައް ކިޔުމަށް އެނާ އެދުނެވެ.
ދެން އެންމެ ބޮޑަށް ހައިރާންވި ކަމަކީ ކައި ނިމުމުން ގުޑް ނައިޓް ކިޔާފައި އޭނާ ދިއަ ކަމެވެ. ކޮޓަރިއަށް އަހަރެން ނުގެންދިއަ ކަމެވެ. އަހަރެންގެ ކިބައިން އެއްވެސް ކަމަކަށް ބޭނުން ނުވިކަމެވެ.
ކޮންމެއަކަސް އެއީ އަހަރެންގެ ހަޔާތުގައި އެގޮތަށް ދިމާވި ފުރަތަމަ ރެއެވެ. ފުރަތަމަ ފަހަރެވެ. އެހެންކަމުން ލިބުނު މަޔޫސްކަމުގައި އަހަރެންވެސް އެނބުރި ދިއައީ އަހަރެން ދިރިއުޅޭ އަހަރެންގެ ވިލާއަށެވެ.
އޭނާ ދިއައީ އަހަރެންނަށް އުންމީދެއް ދީފައެވެ. އަހަރެންގެ ވިސްނުމަށް ބަދަލު އައިސް އޭނާގެ ފިކުރަށް އެނބުރިއްޖެނަމަ އަހަރެންނާއި ބައްދަލުކޮށް އަހަރެންނަށް އެހީތެރިވާނެ ކަމުގެ އުންމީދެވެ.
އޭނާ ފޮނުވި ލިންކްތައް ހުޅުވައިގެން ކިޔަން ފެށީމެވެ. ކޮންމެ ދުވަހަކުވެސް އެކަމަށް ވަގުތުތަކެއް ހޭދަކުރަން ފެށީމެވެ. އެކަން ކުރަން ފެށުނީ ލޯތްބެއްގެ ފެށުމަކުން ކަމަކަށް ބުނާކަށް ނުއެނގެއެވެ. އެނގޭކަމަކީ އެ ބައްދަލުވުމުގެ ސަބަބުން އަހަރެންގެ ހަޔާތަށް ބަދަލުތަކެއް އައި ކަމެވެ.
ހައެއްކަ މަސް ދުވަސްތެރޭގައި އަހަރެންގެ ހަޔާތް އެކުގައި ބަދަލުވިއެވެ. މިއުޅެވެނީ ހުވަފެނެއްގެތެރޭގައިކަން އެނގުނެވެ. މިއީ ހަޤީޤީ ހަޔާތެއް ނޫން ކަމާއި މިއުޅެވެނީ ވަގުތީ މަޖާތަކެއްގެތެރޭގައިކަންވެސް އިޙްޞާޞްކުރެވުނެވެ.
އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލީމެވެ. ކުރަމުން އައި "ވިޔަފާރި" މުޅިން ހުއްޓައިލީމެވެ. އޮޕޮއިންޓްމަންޓްތައް ކެންސަލްކުރަން ފެށީމެވެ. ކޮންޓްރެކްޓްތައް ބާޠިލްކުރަން ފެށީމެވެ.
ހުރިހާ ކަމަކަށްފަހު ވިސާއެއް ހޯދައިގެން އަހަރެން އޭނާގެ ޤައުމަށް ދިއައީމެވެ. ގޮސް ކުޑަދުވަސްކޮޅެއްގެތެރޭގައި އިސްލާމް ދީނުގެ ވަރަށް ގިނަ ކަންތައްތައް ދަސްކުރީމެވެ. އަދި ހިޖާބެއްގެ ތެރެއަށްވެސް ވަނީމެވެ. އެއަށްފަހު އޭނާއަށް ފޯނުކޮށް އޭނާ އާއި ބައްދަލުވެސް ކުރީމެވެ.
އަހަރެން އޭނާގެ ކިބައިން ވަޒީފާއަކަށްވެސް އެދުނީމެވެ. އަހަރެންގެ ފައިސާތައް ކޮބައިތޯ އޭނާ ސުވާލުކުރިއެވެ. ޖަވާބުގައި އަހަރެން ބުނީ އެ ފައިސާތައް ހޯދިފައި ހުރީ ހަރާންގޮތުގައިކަން ޤަބޫލުކުރެވުމުން އުކާލައިފިން ކަމަށެވެ. އެމެރިކާއިން ފުރީ އެފައިސާތައް އިސްލާމީ ޖަމާއަތްތަކަށް ހަދިޔާކޮށްފައި ކަމަށެވެ.
އެކަން އެނގުނީ ކިހިނަކުންތޯވެސް އެނާ ސުވާލުކުރިއެވެ. ޖަވާބުގައި ކީރިތި ޤްރްއާނުން ކަމަށް ބުނުމުން އޭނާއަށް ލިބުނީ ހަމަ ބޮޑު ޝޮކެއް ކަމަށް ބުނާކަށް ޖެހިލުމެއް ނުވަމެވެ.
އޭނާއަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ހައިރާން ކަމާއިއެކުވެސް އޭނާ އަހަރެންނަށް ވަޒިފާއެއް ދިނެވެ. އަހަރެންނަކީ މިހާރު އޭނާގެ މުވައްޒިފެކެވެ. އަދި އޭނާގެ މުވައްޒިފެއްގެ އަންބެކެވެ.
ހަޤީޤީ ހަޔާތެއް މިފެނުނީ އަދި ކިރިޔާއެވެ. ލިބޭ ފައިސާކޮޅު ވަރަށް މަދެވެ. ނަމަވެސް ލިބޭ ހިތްހަމަޖެހުން އެހައިމެ ބޮޑެވެ. އަހަރެން ފުރަތަމަ ވެސް އުޅެން ބޭނުންވި ދިރިއުޅުން މިއަދު މިވަނީ އަހަރެންނަށް ލިިބިފައެވެ.
ޖެލީނާގެ ހަޔާތަށް ބަލައިފިނަމަ އިބްރަތުން ފުރިގެންވާ ކަންތައްތައް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. ހަޤީޤީ ދިރިއުޅުމަކީ އަދި ހަޤީޤީ އުފާވެރިކަމަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.