ޔޫތު ކަޕް 2017 ގެ ނަމުގައި ބޭއްވި ހަތަރު ކުޅިވަރު މުބާރާތުގައި 390 ޒުވާނުން ބައިވެރިވެއްޖެއެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިންތިޒާމްކޮށްގެން މިމަހުގެ 26 އިން 29 އަށް ކުރިޔަށް ގެންދިޔަ މި މުބާރާތްތަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ވާދަވެރިކަމާއެކު އުފާވެރި މާހައުލެއްގައި ކުޅިވަރު ކުޅެ، އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ އެކުވެރިކަން އަލާ ކުރުމުގެ މަޤުޞަދުގައި ބޭއްވި ކުޅިވަރު މުބާރާތްތަކެކެވެ.
މި ހަތަރު މުބާރާތްވެސް ކުރިޔަށްދިޔައީ މާފަންނު ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލްގައެވެ.
ޔޫތު ކަޕް 2017 ގެ ވޮލީ ބޯޅަ މުބާރާތުގައި ފިރިހެން 7 ޓީމާއި އަންހެން 3 ޓީމ ބައިވެރިވެފައިވާއިރު، ޖުމްލަ 100 ޒުވާން ކުޅުންތެރިންވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. އަދި ބާސްކެޓް ބޯޅަ މުބާރާތުގައި ޖުމްލަ 5 ޓީމް ބައިވެރިވެ 50 ކުޅުންތެރިންވަނީ ބާސްކެޓް ބޯޅައިގެ ތަފާތު ހުނަރުތައްވެސް ކުޅުމުގެތެރެއިން ދައްކާފައެވެ.
ރާއްޖޭގައި މަޝްހޫރު އެއްކުޅިވަރުކަމުގައިވާ ނެޓްބޯޅަ މުބާރާތުގައި އަންހެން 9 ޓީމުގައި 90 ކުޅުންތެރިން ފެނިގެންގޮސްފައިވާ އިރު، ހޭންޑް ބޯލް މުބާރާތުގައި ފިރިހެން 09 ޓީމާއި އަންހެން 7 ޓީމުގައި 150 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތްތައް ނިންމުމުގެ ރަސްމިއްޔާތުވަނީ ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކޮށް އަދި ވަނަތަކަށް ދިޔަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި ތައްޓާއި މެޑަލް ހާވަލުކުރެވިފައެވެ.