ރަން އިން އައްޑޫ މާބޮޑަށްވެސް ތަފާތުވާނެ..

ކިޔުމަށް ހޭދަވާނީ 2މ 16ސ
ރަން އިން އައްޑޫ މާބޮޑަށްވެސް ތަފާތުވާނެ..
ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަން އިން އައްޑޫ"އަކީ ހަމަ ގައިމުވެސް ރާއްޖޭގައި މިހާތަނަށް ބާއްވާ ދިގުދުވުންތަކުގެ ތާރީޚު ބަދަލުކޮށްލާނެ ދުވުމެކެވެ.

އައްޑޫސިޓީގައި ދުވާތީއެއް ނޫނެވެ. އެސިޓީގެ ޤުދުރަތީ މާޙައުލާއި ދިރިއުޅުމުގެ ވައްޓަފާޅިވެސް ދުވުމުގެ ތެރެއިން ފެންނާނެތީއެވެ.

ޓީއެފްޖީގެ ޢުމުރުން ކިތަންމެ ޅަ ވިޔަސް އެ ގްރޫޕުން ވަނީ ގިނަ ބައެއްގެ ރުހުމާއި ލޯބި ހޯދާފައެވެ. ޚާއްޞަކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބެން ބޭނުންވާ މީހުންގެ ހިތްތައް އަތުލާފައެވެ.

ޓީއެފްޖީ އިން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 15 އަދި 16 ވަނަ ދުވަހު "ރަން އިން އައްޑޫ"ގެ ނަމުގައި އެސިޓީގައި ބާއްވާ ދުވުމުގައި ދުވާނެ މަގުތައް މިއަދުވަނީ އިޢުލާނުކޮށްފައެވެ.

ހުޅުމާލޭގައި ކޮންމެ އަހަރަކުވެސް ޓީއެފްޖީ އިން ބާއްވަމުން އަންނަ ލޯންގ ރަންގެ ހުރިހާ ރަހަތަކެއް ހިމެނޭ މި ދުވުމުގައި ފުރަތަމަ ކުރިޔަށްދާނީ ފުލް މެރަތަން ނުވަތަ 42.2 ކިލޯމީޓަރގެ ދުވުމެވެ. 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ގައި ފެށުމަށް ތާވަލުކޮށްފައިވާ މި ދުވުން ފަށާނީ ކަނބިހާ މަގުންނެވެ.

ހާފު މެރަތަން ނުވަތަ 21.1 ކިލޯމީޓަރގެ ދުވުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން 15 ވަނަ ދުވަހުގެ ހެނދުނު 6:45 ގައި ފަށާނެއެވެ. އަދި 10 ކިލޯމީޓަރ ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑުން ހެނދުނު 7:45 ގައެވެ. މި ދުވުމުގައި ހިމެނޭ 5 ކިލޯމީޓަރގެ ދުވުން ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45 ގައެވެ.

މި ހުރިހާ ރޭހެއްވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު ކައިރިއަށެވެ.

މި އިވެންޓު އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ މި ރޭސްތަކުގެ މަގު ކަނޑައެޅުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ އައްޑޫ ލިންކް ރޯޑްތަކުގައި ކުރިޔަށް ގެންދިޔުމުގެ އިތުރުން އައްޑޫގެ ރީތިކަން ފެންނަ ކަހަލަ ގޮތަކަށް ކަމަށެވެ. އަދި އެކި ތަންތަނުން ފަށަން ނިންމީ އެސިޓީގެ ރީތިކަން ބޮޑަށް ދެއްކޭނެ ގޮތަކަށް ބަލައިގެން ކަމަށެވެ.

މި އިވެންޓާއި ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ޓީއެފްޖީގެ މި އިވެންޓު ވެގެންދާނީ އެސިޓީގެ ތަރައްޤީގެ ތަސައްވަރަށް ވަރަށް މުހިންމު އިވެންޓަކަށް ކަމަށެވެ.

މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޯގަސްޓް މަހުގެ އެއްވަނަ ދުވަހު ހުޅުވާލާ އިރު، ގޮޓްރޭސްޑޮޓްކޮމް މެދުވެރިކޮށް ރޭހުގައި ބައިވެރިވޭނެއެވެ. ގޮޓްރޭސްޑޮޓްކޮމް އަކީ މި އިވެންޓުގެ އޮފިޝަލް ޓައިމިންގ ޓެކްނޮލޮޖީ ޕާޓްނަރ އެވެ.

""ރަން އިން އައްޑޫ" ގެ އިތުރުން "ރަން އިން ލާމު" ގެ ނަމުގައި އަންނަ އަހަރުގެ ޖެނުއަރީ 26 އަދި 27 ގައި ލ. އަތޮޅުގައިވެސް ދުވުމެއް ބޭއްވުމަށް ޓީއެފްޖީ އިން ވަނީ ނިންމާފައެވެ.
މިއަދު އޮންލައިން