އަންހެނުންނަށް ހުރިހާ މަޤާމެއް އަދާކުރެވޭނަމަ މިސްކިތްތަކުގެ އިމާމުކަން ކުރަން ނޫޅެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
އަންހެނުންނަށް ހުރިހާ މަޤާމެއް އަދާކުރެވޭނަމަ މިސްކިތްތަކުގެ އިމާމުކަން ކުރަން ނޫޅެނީ ކީއްވެ؟
ކީރިތި ޤްރްއާނުގެ އިލްމުން ޕީއެޗްޑީ ހޯއްދަވައިގެން ފުރަތަމަ ރާއްޖެވަޑައިގެންނެވި ދީނީ އިލްމުވެރިޔާ، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ރޭ ދެއްކެވި ވާހަކަފުޅުތައް އޮޅުވައިލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެންކަމުން އެވާހަކަފުޅުތައް އޮޅުވައި ނުލައްވާށެވެ.

ޖިނާޢީ ކަންކަމަށް ޙުކުމް ކުރާ މަރުހަލާގައި އަންހެން ފަނޑިޔާރުން ބެއިތިއްބުމާއިމެދު ޑރ. ޢަބްދުލްމަޖީދު ބަޔާންކުރެއްވި ވާހަކަފުޅުތަކަކީ ހަމަ ސައުދިއަރަބިޔާގެ ދީނީ ޢިލްމުވެރިންވެސް ބަޔާން ކުރައްވަމުން ގެންދަވާ ފަތުވާއެވެ. ސައުދީގެ އިސް މުފްތީ ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އައްޝައިޚް ވެސް ދެއްވަވާފައިވާ ފަތުވާއެވެ.

ސައުދިއަރަބިޔާގެ ކޯޓުތަކަށް ބެލި ނަމަވެސް ޖިނާޢީ މައްސަލަތައް ނިންމުމުގެ މަރުހަލާގައި އަންހެން އެންމެ ފަނޑިޔާރަކުވެސް ނެތެވެ. ތިބެނީ މަދަނީ އަދި ޢާއިލީ މައްސަލަތައް ބެލުމަށެވެ.

ސިޔާސީ ކަންކަމުގެ ވާހަކަފުޅު ރޭ ޑރ. ޢަބްދުލްމަޖީދު ދައްކަވާފައެއް ނުވެއެވެ. ޑރ. ޢަބްދުލްމަޖީދު ވަރަށް ސާފުކޮށް ވިދާޅުވީ ޤައުމުގެ އެންމެ މަތީ ކޯޓުކަމުގައިވާ ސްޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަނުކުރުމުގެ ވާހަކައެވެ.

މިކަމާއި ގުޅިގެން ފެންނަން ހުރި ފަތުވާތަކަށްބަލާއިރު ހަނަފީ މަޒުހަބުގައިވެސް އަންހެނުންނަށް ފަނޑިޔާރުކަން ކުރެވެނީ އަންހެނުންނާއި ގުޅުން ހުރި ކަންކަމުގައެވެ. ޖިނާޢީ އަދަބެއް ދޭން ނުޖެހޭ މައްސަލަތަކުގައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ އިސް ދީނީ އިލްމުވެރިއަކު ވިދާޅުވީ އިސްލާމީ ތާރީޚު ބެލުމުން މިކަން ރަގަޅަށް ސާފުވާނެ ކަމަށެވެ. "ސުވަރުގެ ވަނީ މައިމީހާގެ ފައިތިލަ ދަށުގަ. އެންމެ ހެޔޮކޮށް ހިތަންވީ ކާކަށްތޯ ކައުއިތުރު ރަސުލާ މުޙައްމަދު (ޞޢވ) އަށް ސުވާލު ދެންނެވުމުން މައިމީހާއަށް ކަމަށް 3 ފަހަރު ހަދީޡްފުޅު ކުރައްވަވާފަ 4 ވަނަ ފަހަރަށް ބައްޕަގެ ވާހަކަ ހަދީޘްފުޅު ކުރެއްވެވީ. މިއީ އިސްލާމް ދީނުގަ އަންހެނުންނަށް ލިބިގެންވާ މަތިވެރި މަޤާމް! އަންހެނުންނަށް މިފަދަ މަތިވެރި މަޤާމް ދެއްވެވީ ﷲ. ﷲ އެބަވޭތޯ އެންމެ އަންހެނަކަށްވެސް ނަބީކަމާ ރަސޫލުކަން ދެއްވަވާފަ؟ އެއްވެސް ނަބީ ބޭކަނބަލެއް ނޫނީ ރަސޫލުބޭކަނބަލެއްގެ ވާހަކަ އަޑުއެއްސެވިންތޯ؟ އިވިވަޑައެއް ނުގަންނަވާނެ. އެހެން އެކަން ނުވެ އެއޮތީ ޝަރުޢީ ޙުކުމްތައްވެސް ކުރައްވަނީ ނަބީބޭކަލުންނާ ރަސޫލު ބޭކަލުން ކަމަށްވާތީ."

އަންހެނުން ޤައުމުގެ އިސްމަޤާމުތައް ވަފާތެރިކަމާއިއެކު އަދާކުރާކަށް އެއްވެސް ހުރަހެއް ނެތެވެ. ސިޔާސީ މަޤާމުތަކުގައިވެސްމެއެވެ. މާލީ މަޤާމުތަކުގައިވެސްމެއެވެ.

ރާއްޖޭގެ އަމިއްލަ ބޭންކުތަކާއި އެމްއެމްއޭއަށް ބެލިނަމަވެސް މިކަން ފެނިގެންދާނެއެވެ. ބީއެލްއެލް އިސްލާމިކްއަށް ވެސް ބައްލަށާށެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާއަށްވެސް ބައްލަވާށެވެ. ޚާއްޞަކޮށް މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފިނޭންސް އަށް ބައްލަވާށެވެ. މިބަސްތަކުގެ ހެކި ފެނިގެންދާނެއެވެ.

ކަން މިހެން އޮތް ނަމަވެސް ފިރިހެނުން ފަހަތުގައި ބައިތިއްބައިގެން އަންހެނަކު އިމާމުވެ ނަމާދު ކުރެވިދާނެތޯއެވެ؟ އެމެރިކާގައި އެގޮތަށް ހުކުރުކޮށް ނަމާދުކުރާ އާމިނާ ވަދޫދު ރާއްޖެގެނެސް ދިވެހިންނަށް އިސްލާމް ދީން ދަސްކޮށްދޭން އުޅުމުން އެކަން ރައްޔިތުން ބަލައިގަތްތޯއެވެ؟ އައްޑޫއަށް ފޮނުވުމުން އުކީ ގައު ނޫންތޯއެވެ! މުސްލިމް އެންމެ އަންބަކަށްވެސް ފަނޑިޔާރެއްގެ އެހީ ނުހޯދައި ފިރިމީހާ ވަރިކުރެވިދާނެތޯއެވެ؟ މިހިރީ ވިސްނަންޖެހޭނެ ކަންކަމެވެ.

އިސްލާމް ދީނަކީ އަންހެނުންނަށް އެންމެ މަތިވެރިކަން ދީފައިވާ ދީނެވެ. ނަމަވެސް އަދާކުރެވޭނެ މަޤާމުތަކުގައި ތަފާތުތަކެއް އެބަހުއްޓެވެ. މާތްﷲ ކަމެއް ނިންމަވާފައި އޮތުމުން އަޅުގަނޑުމެންނަށް އޮތީ އެކަން އެ އޮތްގޮތަށް ބަލައިގަތުމެވެ. އެކަމަށް ޖަދަލުކުރުމުގެ ހައްޤު އެއްވެސް މުސްލިމަކަށް ލިބިގެނެއް ނުވެއެވެ.

ކަން މިހެން އޮތް ނަމަވެސް ފެންނަމުން މިދަނީ ޑރ. ޢަބްދުލްމަޖީދުގެ ވާހަކަފުޅާއި ގުޅިގެން ދީނީ އިލްމް ޙާޞިލް ނުކުރާ މީހުން ވެސް ފާޑުކިޔާތަނެވެ. ޖަދަލުކުރާތަނެވެ. މިއީ ހިތާމަހުރި ކަމެކެވެ. މިއީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. ދީނީ އިލްމުވެރިން ދެއްވާ ފަތުވާއަކާއި ގުޅިގެން ފާޑުކިޔާނަމަ ފާޑިުކިޔަންޖެހޭނީ އެފެންވަރުގެ ދީނީ އިލްމުވެރިންނެވެ. ނޫންނަމަ މުޖުތަމައުގައި ދާނީ މައްސަލަތައް އިތުރުވަމުންނެވެ.

(މިލިޔުން ލިޔެފައިވަނީ ރާއްޖޭގައި ތިއްބެވި އެންމެ އިސް ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންގެ ލަފާފުޅާއި ރަޢުޔާއި އެއްގޮތަށެވެ.)

ޤާނޫނުތަކުން މިއަދު ރެކެވިދާނެ- ޤިޔާމަތް ދުވަހު ދެއްކޭނެ ބަހަނާއެއް ނުއޮންނާނެ: ޑރ. ޢަބްދުލްމަޖީދު
މިއަދު އޮންލައިން