ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން މިއަހަރުގެ ސެޕްޓެމްބަރ މަހު އައްޑޫސިޓީގައި ބާއްވާ "ރަން އިން އައްޑޫ" ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ޓީއެފްޖީ އިން ބާއްވާ މި ދުވުމުގައި ޓީއެފްޖީ އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ލޯންގ ރަންގެ ހުރިހާ ކެޓަގަރީއެއް ވަނީ ހިމަނާފައެވެ. އެގޮތުން ފުލް މެރަތަން، ހާފު މެރަތަން، 10 ކިލޯ މީޓަރ އަދި 5 ކިލޯމީޓަރ ވަނީ ހިމަނާފައެވެ.
ރަން އިން އައްޑޫގައި ފުރަތަމަ ފަށާނީ ފުލް މެރަތަން ނުވަތަ 42.2 ކިލޯމީޓަރގެ ދުވުމެވެ. އެދުވުން 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ގައި ފެށުމަށް ތާވަލުކޮށްފައިވަނީ ކަނބިހާ މަގުންނެވެ. ހާފު މެރަތަން ނުވަތަ 21.1 ކިލޯމީޓަރގެ ދުވުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން 15 ވަނަ ދުވަހުގެ ހެނދުނު 6:45 ގައި ފަށާ އިރު، 10 ކިލޯމީޓަރ ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑުން ހެނދުނު 7:45 ގައެވެ. އަދި 5 ކިލޯމީޓަރގެ ދުވުން ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45ގައެވެ.
މި ހުރިހާ ރޭހެއްވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު ކައިރިއަށެވެ.
މި ދުވުމުގައި ބައިވެރިވެވޭނީ މި އިވެންޓުގެ އޮފިޝަލް ޓައިމިންގ ޓެކްނޮލޮޖީ ޕާޓްނަރ ކަމަށްވާ ގޮޓްރޭސްޑޮޓްކޮމްގެ http://www.gotorace.com/event/runinaddu/ މެދުވެރިކޮށެވެ.