"ރެޑް ސީ ޕްރޮޖެކްޓް"ގެ ނަމުގައި ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން 50 ރަށް ސައުދީން ތަރައްޤީކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
"ރެޑް ސީ ޕްރޮޖެކްޓް"ގެ ނަމުގައި ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން 50 ރަށް ސައުދީން ތަރައްޤީކުރަނީ
"ރެޑް ސީ ޕްރޮޖެކްޓް"ގެ ނަމުގައި ރެޑް ސީ ސަރަހައްދުގައި ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން 50 ރަށް ތަރައްޤީކުރަން ސައުދިއަރަބިޔާއިން ނިންމައިފިއެވެ.

ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން މިއަދު އިއުލާނު ކުރެއްވި މި މަޝްރުއުގެ ރަށްތައް ތަރައްޤީކުރަން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ބައިވެރިވާ ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކާއި ގުޅިގެންނެވެ.

ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ އިސްވެރިއަކަށްވެސް ހުންނެވި މުޙައްމަދު ބިން ސަލްމާން ވިދާޅުވީ މިއީ ދުނިޔޭގައި މިހައިތަނަށް ހިންގޭ މިފަދަ އެންމެ ބިޔަ މަޝްރޫއަށް ވެގެންދާއިރު އަމިއްލަ ކުންފުނިތަކަށް އެކަނި މިހައި ބޮޑު މަޝްރޫއެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެންކަމުން މަޝްރޫގައި ބައިވެރިވާ ފަރާތްތަކަށް ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. "މިމަޝްރޫއަށް ބޭނުންވާނެ ފައިސާ މިހާރުވެސް ރިޒަރވްގައި އެބަހުރި."

މިރަށްތަކުގައި ފަތުރުވެރިކަން ތަރައްޤީކުރާއިރު ސައުދިއަރަބިޔާގެ ޤާނޫނުތައް ފުރިހަމައަށް ތަންފިޒުކޮސްފާނެ ކަމުގެ އިޝާރާތެއްވެސް މުޙައްމަދު ބިން ސަލްމާން ވަނީ ކުރައްވައިފައެވެ. "މި މަޝްރުއު ކުރިއަށް ގެންދާނީ އަމިއްލަ ސަރަހައްދެއްގައި. މިބާވަތުގެ މަޝްރޫއުތައް ހިންގުމުގައި ދުނިޔެއިން އަމަލުކުރާ އުޞޫލުތަކަށް. "ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް" އާއި އެއްގޮތަށް."

މިބަސްފުޅުތަކުގެ ތަފްޞީލު ދެއްވާފައެއް ނުވެއެވެ. އެހެންކަމުން ސައުދިއަރަބިޔާގައި ބަނގުރާ މަނާ ނަމަވެސް މިރަށްތަކުގައި ބަނގުރާ ހުއްދުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބެލެވިފައެވެ.

ސައުދިއަރަބިޔާގައި ބަނގުރަލުގެ ވިޔަފާރި ނުކުރި ނަމަވެސް ސައުދީ ވިޔަފާރިވެރިންނާއި ޝާހީ ޢާއިލާގެ ބޭފުޅުން ގެންދަވަނީ އެހެން ޤައުމުތަކުގައި މިހާރުވެސް ބަނގުރަލުގެ ވިޔަފާރި ކުރައްވަމުންނެވެ. ރާއްޖޭގައިވެސް އިންވެސްޓްކޮށްފައިވާ ފޯރ ސީޒަންސް އަކީވެސް އެފަދަ ކުންފުންޏެކެވެ.

މުޙައްމަދު ބިން ސަލްމާން ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރެޑް ސީ ގައި ހުރި އަގު ބޮޑު ޚަޒާނާތައް ހާމަވެގެންދާނެ ކަމަށާއި އެކަމަށް ފަތުރުވެރިންގެ ތަރުހީބު ވަރަށް ބޮޑުވާނެކަމަށެވެ. އަދި އެއީ މަޝްރުއުގެ ވަރަށް ބޮޑު ކާމިޔާބީއަކަށް ވެގެން ދާނެ ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ 3 ވަނަ ކްއާޓަރުގައެވެ. މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމަން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުއެވެ.
މިއަދު އޮންލައިން