ސައުދިއަރަބިޔާގެ ޓެރަރިސްޓުންގެ ޝަރީއަތްތައް ކުރަނީވެސް ހުޅުވާލައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ސައުދިއަރަބިޔާގެ ޓެރަރިސްޓުންގެ ޝަރީއަތްތައް ކުރަނީވެސް ހުޅުވާލައިގެން!
ސައްތައިން ސައްތަ އިސްލާމީ ޤައުމުތަކުގެ ގޮތުގައި ދުނިޔޭގައި އޮތީ ދެ ޤައުމެވެ. އެއީ ސައުދިއަރަބިޔާ އާއި ދިވެހިރާއްޖެއެވެ.

ސައުދިއަރަބިޔާގައި ކުރާ ޖިނާޢީ ޝަރީއަތްތައް ކުރަނީ ވެސް އަދި ބޮޑެތި ޓެރަރިސްޓުންގެ ޝަރީއަތްތައް ކުރަނީވެސް ޢާންމުކޮށް ހުޅުވާލައިގެންނެވެ.

ސަލްމާން ރަސްގެފާނު އެންމެ ފަހުންވެސް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފައިވަނީ ޝަރީއަތްތައް ހުޅުވާލައި ވީހައި ގިނަ ބައަކަށް އަދުއެހޭނެ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. ޝަރީއަތުގެ އެއްވެސް ކަމެއް ސިއްރު ނުކުރުމަށާއި ވީހައި ބޮޑަށް ދެފުށް ފެންނަ ގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށެވެ.

ޖަސްޓިސް މިނިސްޓަރު ވަލީދު އަލް ސަމާނީ ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ވަކީލުންނަށް ވެސް ޝަރީއަތްތައް އަދުއެހޭނެ ކަމަށެވެ. ކޯޓުގައި ވަކާލާތުކުރުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤެއް ގެއްލިގެންދާ ގޮތަކަށް ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަމެއް ހުށަހެޅުމުގެ ފުރުޞަތުވެސް އެބައޮތް ކަމަށެވެ.

މީގެ އިތުރުން އެންމެ ފަނޑިޔާރަކު ބެންޗްގައި އިނދެގެން ޝަރީއަތް ނުކުރުމަށާއި 3 ނުވަތަ 5 ފަނޑިޔާރުން ތިބެގެން ޖިނާޢީ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށްވެސް މިނިސްޓަރު ވަނީ އަމުރުފުޅުކުރައްވައިފައެވެ.

ދެން އޮތީ ސައްތައިން ސައްތަ މުސްލިމް ދެވަނަ ޤައުމުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ވާހަކައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތަށްފަހު ޤާސިމް އިބްރާހީމް އެންމެ ބޮޑަށް ފާހަގަކުރެއްވެވި އެއް ކަމަކީ ކުރިން ބެންޗްގައި 3 ފަނޑިޔާރު ތިއްބެވި ކަމާއި މިހާރު އިންނަވަނީ އެންމެ ފަނޑިޔާރެއް ކަމެވެ. ހަމައެއާއިއެކު ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކުރާކަމެވެ.

ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލް ޙިސާން ހަސަން މިއަދު ވިދާޅުވީ ހުޅުވާލައިގެން ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަކީ ޤާނޫނީ ޙައްޤެއް ކަމަށާއި ޤާސިމް އިބްރާހީމްގެ ޝަރީއަތުގެ މަޖިލިސްތައް ޢާންމުކޮށްގެން ހުޅުވާލައިގެން ކުރިއަށް ގެންގޮސްދިނުމަށް މިއަދު ވާނީ އެދިވަޑައިގެންފައި ކަމަށެވެ.

ބަންދުކޮށްގެން ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއުމުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކަންކަން ހިނގައިދިއަ ގޮތް ވިދާޅުވެދެއްވަން ހިސާން ވަނީ ފަސްޖެހިވަޑައިގެން އުޒުރުވެރިވެވަޑައިގެންފައެވެ.
މިއަދު އޮންލައިން