23 މަހުގެ ތުއްތު ކުއްޖެއްގެ ބަނޑުން 21 ދަގަތްފާނުކޮޅު ނަގައިފިއެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ ޔޫއޭއީގެ އަލް އައިން ސިޓީގެ ތަވަމް ހޮސްޕިޓަލުގައެވެ.
އޮޕަރޭޝަނަށްފަހު ޑޮކްޓަރު ބުނީ މިއީ ކުރަންޖެހުނު ވަރަށް ބިރުވެރި އޮޕަރޭޝަނެއް ކަމަށާއި އެތަކެތި ކުއްޖާގެ ބަނޑަށް ގޮސްފައިވަނީ ކުއްޖާއަށް އެތަކެތި ކެވުމުގެ ސަބަބުން ކަމަށެވެ. ކުއްޖާއަށް ދަގަތްފާނުތަކެއް ކެވެން މެދުވެރިވި ސަބަބު ބެލެނިވެރިންނަށް އެނގޭކަމަކަށް ނުވެއެވެ.
"ހުރިހާ ދަގަތްފާނުކޮޅުތައްވެސް ހުރީ އެއްތަނަކަށް ޖަމާވެފަ. ނަގަން ފަސޭހަވި ސަބަބެއް އެއީ"
ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ މިހާލަތުގައި ކުއްޖާގެ ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ފޮނުވައިދިނުމުގެ ބާރު ކުޑަވެ ލޭ ފޮނުވައިދިނުމުގައި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. އަދި ހަޖަމްކުރުމުގެ ބާރަށްވެސް މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.
އޮޕަރޭޝަން ކުރުމުގައި އިސްކޮށް ހުރި ޑރ. އަލްޚާލިޤް ވިދާޅުވެފައިވަނީ މިއީ ނުރައްކާތެރިކަން ބޮޑު އޮޕަރޭޝަނެއް ކަމަށާއި ހޮސްޕިޓަލާއި އޮޕަރޭޝަން ކުރުމުގައި ބައިވެރިވި ޓީމުގެ ޤާބިލުކަމަށްޓަކައި ވަރަށް ބޮޑަށް ތައުރީފްކުރައްވާ ކަމަށެވެ.