ދޮނެއް ދިނުމުން އެރި ވައިރަސްއެއްގެ ސަބަބުން އެމެރިކާގައި މަރުވި އެންމެ 18 ދުވަހުގެ ތުއްތު ކުއްޖާގެ މައްސަލަ ހޫނުވެއްޖެއެވެ. ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީއަށް މިހާރު ވަނީ އެމައްސަލަ އަރައިފައެވެ.
އެކުއްޖާގެ އާއިލާއިން ދުނިޔެއަށް ގޮވަމުން ގެންދަނީ ލިބޭ ތުއްތު ދަރިންނަށް ދޮން ދިނުމުގެ ފުރުޞަތު ހަމަ އެއްވެސް މީހަކަށް ނުދިނުމަށެވެ.
މިކަމާއި ގުޅިގެން ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. ބަވާނީ ބުނެފައިވަނީ ކުދިންގެ މައިން ބަފައިންވެސް ތުއްތު ދަރިންގެ ތުންފަތް ފަދަ ތަންތަނުގައި ދޮންދީގެން ނުވާނެ ކަމަށެވެ.
ދުނިޔޭގައި އުޅޭ ހުރިހާ ވައިރަސްތައް މިހާރު މިދަނީ ރާއްޖެއިން ފެންނަމުންނެވެ. ބައެއް ވައިރަސްތައް ދެނަގަތުމުގެ ޤާބިލުކަން ރާއްޖޭގައި އަދި ނެތްކަމަށް ބެލެވޭއިރު މިފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރަންޖެހެއެވެ.