އެފް.އޭ.އެމް އާއިއެކު ޤާއިމްކުރި ޕާޓްނަރޝިޕްގެ ދަށުން ދިވެހި ފުޓުބޯޅަ މަތީ ހަރުފަތަކަށް ގެންދެވިދާނެ ކަމަށްއުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދިވެހި ޕްރެމިއަރގެ އައު ސީޒަންވެސްކުރިޔަށް ގެންދިޔުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.
ނަޖީބު ޚާން ވިދާޅުވީ އުރީދޫ އަކީ މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވީތީ، އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ތަރައްޤީ ކުރިއެރުވުމަށްވެފައިވާ ވައުދުގެ މައްޗައް ބިނާކޮށް ކަމަށެވެ.
"ދިވެހި މުޖުތަމައު އާއި އެއްގޮތަށް، އަޅުގަނޑުމެންނަކީ ފުޓުބޯޅައަށް ލޯބިކުރާ، ފުޓުބޯޅައިން ވަކިވަކި ފަރުދުން އެއްބައިވަންތަކޮށްދޭ ކަމަށް ގަބޫލުކުރާ ބައެއް" ނަޖީބު ޚާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އެއްބަސްވުމުގެދަށުން ދިވެހި ފުޓުބޯޅަ މަތީ ހަރުފަތަކަށްގެންދިޔުމަށް ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިތުރަށް ކުރިއެރުން ހޯދުމަށް ފުރުޞަތުތައް ފަހިކޮށްދެވޭނެކަމަށް ޔަގީންކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދިވެހި ޕްރެމިއަރ ލީގަކީ ރާއްޖޭގެ ބޭއްވޭ އެންމެ ބޮޑު އެއް ފުޓުބޯޅަ މުބާރާތް ކަމަށެވެ. އަދި ދިވެހި މުޖުތަމައުގެ އެއްބާރުލުމާއި މި މުބާރާތް އިތުރު ހަރުފަތަކަށް ގެމްދިއުމަށް އެފް.އޭ.އެމްގެ މެނޭޖްމަންޓް ބޭނުންވާ ކަމަށެވެ.
"ދިވެހި ފުޓުބޯޅައިގެ ކުރިއެރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އުރީދޫ މޯލްޑިވްސް އިން ދެއްވާ ތަރުހީބާއި އެއްބާރުލުމަށް ޝުކުރުއަދާކުރަން. އުރީދޫ ޕްރިމިއަރ ލީގުގެ އާ ސީޒަންގައި، މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގެ ހުނަރުވެރި ޓީމުތަށް ފެނިގެންދާނެ. ސަޕޯޓަރުންގެ ތަރުހީބާއި އެކު، ޓީމުތަކުގެ ފަރާތުން ބަލާހިތްވާ ފަދަ ކުޅުމެއް ފެނި، ލީގުގެ ފެންވަރު ރަނގަޅުވެގެންދާނެ" ބައްސާމް ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ޓީމުތަކާއި ވާދަކޮށް، ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފޯރުކޮށްދެވޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.