އެންވިޝަން އެންޓަރޓެއިންމަންޓާއި ޔޫއްޕް ޕްރޮޑަކްޝަންސް ގުޅިގެން އުފެއްދި ދިވެހި ފިލްމު "ނޯޓީ 40" މިރޭ އޮލިމްޕަސް ސްކްރީންގައި އަޅުވައިފިއެވެ.
ފިލްމު އިންޑަސްޓްރީގައި އަދި މިހާތަނަށް، އެންމެ ގިނަ ތަރިންތަކެއް ހިމަނައިގެން ކުޅެފައިވާ މިފިލްމު ޕްރިމިއަރ ކޮށްދެއްވީ ޝަރަފުވެރި މެހެމާން ވީމީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) އެވެ.
ތަފާތު އެކި ރަހަ އެކުލެވޭ މިފިލްމުގައި މުޅިއަކު 16 ތަރިން އެކްޓު ކޮށްފައިވާއިރު، އޭގެ ތެރޭގައި ފިލްމު އިންޑަސްޓްރީ އަށް މުޅި އައި މޫނުތަކެއް ވެސް ހިމެނެއެވެ.
މިފިލްމުގައި މަރިޔަމް އައްޒަ، ފާތުމަރު އަޒީފާ، ނިއުމާ މުޙައްމަދު، ނުޒުހަތު، މާރިއާ، ޔޫސުފް ޝަފީޢު (ޔޫއްޕެ)، ސީޒަން، އަޙްމަދު ސައީދު، ޖިމީ، އާޒިމް، ޝާހިދު، މަނިކު، ލިއަމް ޖޯން (އެލްޖޭ) ގެ އިތުރުން އައު ދެތަރިން ކަމަށްވާ ގުލިސްތާން އަދި ޝަރީފް ގެ ކުޅަދާނަ އަދި ހުނަރުވެރި މޮޅު އެކްޓިންގ ފެނިފައިވެއެެވެ.
މަޝްހޫރު އެކްޓްރެސް ނިއުމާ މުޙައްމަދު އާއި އެފަދަ ދެވަނައެއް ނުވާ އިސްމާއިލް ޝަފީޤް ޕްރޮޑިސް ކޮށްފައިވާ މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ ވެސް ހަމަ އެފަދަ ދެވަނައެއް ނެތް ހުނަރުވެރި މޮޅު އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އަދި އެސިސްޓަންޓް ޑައިރެކްޓަރ ކަން ކޮށްދެއްވާފައި ހުރީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ހުނަރުވެރި އެކްޓަރުންގެ ކުރީ ސަފުގައި ގުނާލެވޭ މުޙައްމަދު މަނިކު އެވެ.
މިފިލްމުގެ ރިވިއު ވަރަށް އަވަހަށް "މިއަދު" ނޫހުގައި ޝާއިއު ކުރެވޭނެ އެވެ.