އިނގިރޭސިވިލާތުގެ ރޭލަކަށް އަރަން އުޅެނިކޮށް ދޮރުލައްޕައި ދުއްވާލުމުން ދޮރުގައި އަތްތާށިވެ އެތައް ހިސާބަކަށް ރޭލާއިއެކު ދުވަންޖެހުނު މުސްކުޅި އަންހެނަކު ސަލާމަތްވެއްޖެއެވެ.
މަންޒަރު ބަލަންތިބި މީހުން ބުނީ އޭނާގެ ފުރާނަ ސަލާމަތްވީ ނަޞީބަކުން ކަމަށާއި ޕްލެޓްފޯމުން ކައްސާލައި އަރިއަޅައިލިނަމަ ރޭލުދަށުވެ ހަށިގަނޑު ޗިސްޗިސްވާނެ ކަމަށެވެ. އުމުރުން 60 އަހަރުގެ ނީލަމް މާލިކްގެ އަތް ދޮރުން ނެއްޓި އެހާލަތުން ސަލާމަތްވެވުނު ނަމަވެސް އަތްތިލައަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ރޭލުގެ ޑްރައިވަރުގެ މައްޗަށް މިހަރު ދަނީ ޝަރީއަތްކުރަމުންނެވެ. ފަނޑިޔާރުން ބުނެފައިވަނީ ނީލަމް ސަލާމަތްވީ އަޖައިބެއް ފަދަ ގޮތަކުން ކަމަށާއި މިއީ މީހެއްގެ ފުރާނަ އާއި ގުޅިފައިވާ ސީރިއަސް މައްސަލައެއް ކަމަށެވެ.