އަނގައިންނާއި އަތުން ލޮނުމެދު ވަސް ދުވާތީ އުނދަގޫވޭތަ؟ މިކަންކަން ކޮށްލާ!

ކިޔުމަށް ހޭދަވާނީ 2މ 48ސ
އަނގައިންނާއި އަތުން ލޮނުމެދު ވަސް ދުވާތީ އުނދަގޫވޭތަ؟ މިކަންކަން ކޮށްލާ!
ލޮނެމެދަކީ ވަސްގަދަ އެއްޗެއްކަމުން، އެކެއުމުން އަނގައިގަޔާއި އަތުގައި އޭގެ ވަސް ހިފާފައި ހުރެއެވެ. ގިނައިރުތަކެއް ވަންދެން އެވަސް ހަރުލާފައި ހުރުމުގެ ސަބަބުން އޭގެ އުނދަގޫ އެހެން މީހުންނަށާއި ތިމާއަށް ވެސް ކުރެއެވެ. އަދި އެވަސް ކެނޑުވޭތޯ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ވެސް ކުރެވެއެވެ.

އަނގައިން ލޮނުމެދު ވަސް ނުދުވާ ގޮތް ހެދުމަށް އޮތް ހައްލަކީ، ގިނަ ބަޔަކު ދެކޭ ގޮތުގައި ލޮނުމެދު ކެއުން ހުއްޓާލުމެވެ. ނަމަވެސް ލަނުމެދަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗަކަށް ވެސް ވާތީ، ލޮނުމެދު ކެއުން ހުއްޓާލުމަކީ އެކަމުގެ ޙައްލެއް ނޫނެވެ. ސިއްޙީ އެތަކެއް ފައިދާތަކެއް އެކުލެވިގެންވާ ލޮނުމެދުގައި މެގްނީޒިއަމް އާއި ވިޓަމިން ބީ6 އަދި ވިޓަމިން ސީ ވެސް އެކުލެވިގެންވެއެވެ.

އަނގައިންނާއި އަތުން ލޮނުމެދު ވަސް ކަނޑުވަން މިތަކެތި ބޭނުން ކުރެވިދާނެއެވެ.

އާފަލު

އާފަލަކީ ސިއްޙަތަށް ގިނަ ފައިދާތަކެއް ކުރާ މޭވާއެއްކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މިފަހަރު އާފަލު ވެފައި މިވަނީ ލޮނުމެދު ވަސް ކަނޑުވަން ވެސް ވަރަށް މޮޅު އެއްޗަކަށެވެ. ޖަރނަލް އޮފް ފުޑް ސައިންސް ގައި 2016 ވަނަ އަހަރު ޝާއިއު ކޮށްފައިވާ ގޮތުގައި އާފަލެއް ކާލުމުން އަނގައިން ވަރަށް ފަސޭހައިން ލޮނުމެދު ވަސް ކެނޑެއެވެ. އާފަލު ޖޫސް ތައްޓެއް ބުއިމުން ވެސް އަނގައިން ވަސް ފިލައެވެ. އަދި އާފަލު ފޮއްޗެއް ތުނިކޮށް ކޮށާލުމަށްފަހު ދެއަތުގައި ހާކާލާ، ފަސް ވަރަކަށް މިނެޓު ބެހެއްޓުމަށް ފަހު ދޮވެލުމުން އަތުން ވެސް ލޮނުމެދު ވަސް ފިލައެވެ.

ކިރު

ޖަރނަލް އޮފް ފުޑް ސައިންސް އިން ކޮށްފައިވާ އެހެން ދިރާސާއަކުން ހާމަވާ ގޮތުގައި، ރޯކިރާއި އަދި ލޯ-ފެޓް ކިރުންވެސް ލޮނުމެދު ވަސް ފަސޭހައިން ކަނޑުވާލެވެއެވެ. އެދިރާސާގައި ބުނެފައިވާ ގޮތުގައި، ހަމައެކަނި ކިރު ތައްޓެއް ބޯލުުމުން އަނގައިން ލޮނުމެދު ވަސް ފިލައެވެ.

މިންޓް ލީވްސް

މިންޓް ލީވްސްއިން ލާއާވި ރަހައެއްގެ ސަބަބުން ވެސް ލޮނުމެދު ވަސް ފަސޭހައިން ކަނޑުވާލަދެއެވެ. މިންޓް ލީވްސް ގެ ދެތިން ފަތެއް ހަފާލުމުން އަނގައިން ތާޒާ ރަހައެއް ލާނެއެވެ. އަދި މިންޓް ސައި ތައްޓެއް ބުއިމުން ވެސް އެތެރެހަށި ތާޒާވެ، އަނގައިން ނުބައި ވަސްތައް ދުވުމުން ދުރުކޮށްދެއެވެ. މިންޓް ސައި ތައްޓެއް ތައްޔާރު ކުރާނެ ގޮތަކީ އެއް މޭޒުމަތީ ސަމުސާ މިންޓް ލީވްސް ތެރެއަށް ހޫނު ފެން އަޅާނީ އެވެ. ދެން އޭގައި މައްޗެއް ޖެހުމަށްފަހު، 10 މިނެޓު ވަންދެން އޭތި ބެހެއްޓުމަށްފަހު ކުޑަ ހަކުރު ކޮޅެއް ނުވަތަ މާމުއި ކޮޅެއް އަޅާ ސައިތަށި ބޯލާނީއެވެ. އަތުން ލޮނުމެދު ވަސް ކަނޑުވަންނަމަ، މިންޓް ލީވްސް ކޮޅެއް ދެއަތް ދެއަތުގައި ހާކާލާނީއެވެ.

ޕާސްލޭ

މިންޓް ލީވްސް ފަދައިން ޕާސްލޭ އަކީ ވެސް އެކި ކަހަލަ ވަސްތައް ކަނޑުވާދޭ ފަތްޕިލާވެއްޔެެވެ. ލޮނުމެދު އެކުލެވޭ އެއްޗެއް ކެއުމަށްފަހު ޕާސްލޭ ކޮޅެއް ހަފާލުމުން އަނގައިން ލޮނުމެދު ވަސް ވަރަށް ފަސޭހައިން ކެނޑެއެވެ. އަދި މީގެ އިތުރުން ދެއަތުގައި ޕާސްލޭ ހޭކުމުން އަތުން ވެސް ލޮނުމެދު ވަސް ފިލައެވެ.

ލުނބޯ

ހަމަ ޔަޤީނުންވެސް ލުނބޮލަކީ ހަންގަނޑާއި ވަރަށް ގާތް ގުޅުމެއް އޮންނަ އެއްޗެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ހަންގަނޑު ދޮން ކުރުމަށާއި މޫނުގައި ނަގާ ބިހިތަށް ފިލުވުމަށް ވެސް ލުނބޯ ބޭނުން ކުރެއެވެ. އަނގައިންނާއި އަތުން ލޮނުމެދު ވަސް ކަނޑުވަން ވެސް ލުނބޯ މިވަނީ ހައްލަކަށް ވެފައެވެ. ފެންތައްޓަކަށް ލުނބޯ ހުތް ފިތުމަށްފަހު އޭތި ބުއިމުން ލޮނުމެދު ވަސް ކެނޑޭނެއެވެ. އަދި ލުނބޯ ހުތް ދެއަތުގައި ހޭކުމުން އަތުން ވެސް އެވަސް ފިލައެވެ.
މިއަދު އޮންލައިން