ކީރިތި ޤްރްއާނުގައި މާތްﷲ ބަޔާންކުރައްވަވާފައިވާ އެންމެހައި ޙުކުމްފުޅުތަކަށާއި އަމުރުފުޅުތަކަށް އަމަލުކުރަންޖެހޭނެ ކަމަށާއި އެއީ އެއްވެސް މިންވަރަކަށް އިޚްތިޔާރީ ކަންކަން ނޫން ކަމަށް އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ހުކުރު ދުވަހުގެ ރޭ ބޭއްވި ދަރުސްގައި ޑރ. ޝަހީމް ވިދާޅުވީ ޞުލްޙަވެރިކަމާއި ދިރުން ދެމެހެއްޓުމަށްޓަކައި ކީރިތި ޤްރްއާނުގައި މާތްﷲ ޙުކުމްފުޅުތަކެއް ކަނޑައަޅުއްވަވާފައިވާ ކަމަށެވެ. އަދި އެއިން ކޮންމެ ޙުކުމްފުޅަކީވެސް އަމަލުކުރަންޖެހޭނެ ކަންކަން ކަމަށެވެ. އަދި ކީރިތި ޤްރްއާނުގައި މާތްﷲ ބަޔާން ކުރައްވަވާފައިވާ ޙުކުމްފުޅުތަކުގެ ތެރެއިން ބައެއް ޙުކުމްފުޅުތައް ޤަބޫލުކޮށް އަނެއް ޙުކުމްފުޅުތައް ޤަބޫލުނުކުރުމަކީ، އަމަލުނުކުރުމަކީ މީސްތަކުންނަށް ލިބިފައިވާ ޙައްޤެއް ނޫން ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ނަމާދުކުރުމާއި ޒަކާތް ދިނުން އަދި ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވެވުމުން އަޅުގަނޑުމެން މިތިބީ އެކަންކަން ޤަބޫލުކޮށްގެން ކަމަށާއި ޤިޞާޞް ހިފުމަށް ކުރެއްވެވި އަމުރުފުޅު ޤަބޫލުނުކުރެވިގެން މިއުޅޭ ސަބަބާއިމެދު ވިސްނައިލަން ޖެހޭނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ޤިޞާޞް ހިފުމުގެ ހުކުމްތައް ކުރިއަށް ގެންދިއުމަށްޓަކައި މާތްﷲ ވަނީ މަބާދިޢުތަކެއް ކަނޑައަޅުއްވަވައިފައި ކަމަށެވެ.
"އެއިގެ ތެރެއިން ފުރަތަމަ ކަމަކީ އަދުލުވެރިކަމާއިއެކު ތަޙްޤީޤް ކުރުމާއި ޤާޠިލު ހޯދައިގަތުން. ދެވަނަ ކަމަކީ އަދުލުވެރިކަމާއިއެކު ޝަރީއަތްކުރުމާއި އަދުލަށް ޙުކުމްކުރުން. 3 ވަނަ ކަމަކީ ޤިޞާޞް ހިފުމުގައި ފަހު ބަސް ބުނާބައަކީ ވާރިސުންކަމުގައިވުން."
ޑރ. ޝަހީމް ވިދާޅުވީ މަރަށް މަރު ހިފުމުގައި އަމަލުކުރަންޖެހޭނީ ވާރިސުން އެދޭ ގޮތަކަށް ކަމަށާއި ވާރިސުންގެ ތެރެއިން އެންމެ މީހަކު އިންކާރުކުރަނިކޮށްވެސް މަރަށް މަރު ނުހިފޭނެ ކަމަށެވެ. ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރުހިފުން ކަމުގައިވާނަމަ މަރަށް މަރު ހިފުން ވަލިއްޔުލްއަމުރުގެ މައްޗަށް ލާޒިމުވާނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މަރުގެ މައްސަލަތަކުގައި އިސްލާމް ދީނުގައި އޮތީ ހަމައެކަނި މަރަށް މަރުހިފުން ނޫން ކަމަށާއި މަރުގެ ދިޔަ ހިފުމަށްފަހު މަޢާފް ކުރުމާއި އެކީއެކަށް މަޢާފް ކުރުމަކީވެސް އިސްލާމް ދީނުގައި އޮތް ގޮތްތައް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ އިސްލާމް ދީނުގައި ޤިޞާޞްހިފުމުގެ ޙުކުމް އޮތުމުން މަރަށްމަރު ހިފާތީ ބައިނަލްއަޤްވާމީ ފަރާތްތަކުން ކަންބޮޑުވާ ކަމަށާއި ނަމަވެސް ޤައުމުތަކަށް އަރައިގަނެ އެއްވެސް ކޯޓެއްގެ އެއްވެސް ޙުކުމެއް ނެތި މިލިއަނުން މީހުން މަރަމުން ގެންދާއިރު އެއިން އެއްވެސް ކަމަކާއިމެދު ކަންބޮޑުވާ އެއްވެސް ބައަކު ނެތް ކަމަށެވެ. "އިރާޤުގައި މިލިއަނަކަށްވުރެ ގިނަ މީހުން މަރައިފި ސީރިޔާގައި މީހުން މަރަމުން ގެންދާތާ 6 އަހަރުވެއްޖެ. އެކަމަކު ކަންބޮޑުވާ މީހަކު ނެތް. ދުނިޔޭގެ ސިޔާސީ، އިޤްޠިޞާދީ އަދި އަސްކަރީ ބާރުތަކުން މިކަން ކުރަނީ."
ޑރ. ޝަހީމް ވިދާޅުވީ މިކަމުގައި މުސްލިމުންނަށް އޮތް މަސްއޫލިއްޔަތަކީ އިސްލާމް ދީނުގައި އޮތް ގޮތުގައި ސާބިތުކަމާއިއެކު ހިފަހައްޓައިގެން ތިބުން ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މާތް ﷲ ގެ ޙުކުންފުޅުތަކުގައި ގަދައަށް ހިފެހެއްޓެވުމަށް މާތް ﷲ، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ މައްޗަށް އަމުރުފުޅު ކުރައްވަވާފައިވާ ކަމަށެވެ. "މާތްﷲ ވަޙީ ކުރައްވަވާފައިވަނީ އެއީ ކަލޭގެފާނަށާއި ކަލާގެފާނުގެ އުންމަތަށް އޮތް ހުކުމްފުޅުތަކެއް ކަމަށް. މިކަންކަމަށް މާތްﷲ ސުވާލުކުރައްވަވާނެ."