ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤުވާމީ މެރެތަން އައްޑޫސިޓީގައި ބާއްވާއިރު އެކަން ވަރަށް ކާމިޔާބު ހަރަކާތަކަށް ހަދަން ބޭނުންކަމަށް އިންތިޒާމް ކުރާފަރާތުން ބުނެފިއެވެ.
އެ ހަރަކާތް އިންތިޒާމްކުރާ ނަސީރު ސްޕޯޓްސް އެކެޑަމީ (އެންއެސްއޭ) ގެ ވެރިޔާ ނަސީރު އިސްމާއީލް ވިދާޅުވީ އެ ހަރަކާތާ ބެހޭގޮތުން އައްޑޫސިޓީ ކައުންސިލާއި ފުލުހުންނާއި އަދިވެސް ކަމާގުޅޭ ފަރާތްތަކާ މިހާރުވަނީ ވާހަކަ ދައްކާފައި ކަމަށެވެ. އަދި އެ އެންމެންވެސް އެ ހަރަކާތަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާކަމަށެވެ.
ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއީލް ވިދާޅުވީ އެ ހަރަކާތައް ބޭރުން އަންނަ މީހުންނަށް އައްޑޫސިޓީއާ ބެހޭ މަޢުލޫމާތު ހިމެނޭ ޕެކޭޖެއް ހަދިޔާކުރައްވާނެ ކަމަށާއި އޭގޭ ބޭނުމަކީ ގިނަމީހުންނަށް އައްޑޫ ތަޢާރަފްކޮށްދީ ޝައުޤުވެރިކަން އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ މިފަދަ މުރަތަމަ މެރެތަން އައްޑޫސިޓީގައި ބޭއްވުމަކީ އައްޑޫ ރައްޔިތުންނަށްވެސް ލިބިގެންދާނެ ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަންވާނީ އައްޑޫ ރައްޔިތުންނަށް ލިބޭނެ އުފަލަކަށް ބޮޑު އީދަކަށް. އެންމެންގެ އެއްބާރުލުން ލިބިގެން މިހަރަކާތް ކާމިޔާބު ކުރަން ބޭނުން،" އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ނޮވެމްބަރު މަހު އިންނަ މި ހަރަކާތުގައި އަންހެން އަދި ފިރިހެން ބައިން އެއްވަނަ ހޯދާ މީހަކަށްވަނީ 2500 ޑޮލަރު ހުށަހަޅައިފައެވެ. ދެވަނައަށް 1500 ޑޮލަރު ހުށަހަޅައިފައިވެއެވެ. ތިންވަނައަށް ހުށަހަޅައިފައިވަނީ 1000 ޑޮލަރެވެ. ހަތަރުވަނައަށް 500 ޑޮލަރެވެ. ފަސްވަނައަށް 250 ޑޮލަރެވެ.
ހަވަނައިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ ދުވުންތެރިޔަކަށް 100 ޑޮލަރު ލިބޭނެއެވެ. ހާފް މެރަތަން (އަންހެން/ފިރިހެން) އެއްވަނައަށް ހުށަހަޅައިފައިވަނީ 500 ޑޮލަރެވެ. ދެވަނައަށް 400 ޑޮލަރެވެ. ތިންވަނައަށް 300 ޑޮލަރެވެ. ހަތަރުވަނައަށް 200 ޑޮލަރެވެ. ފަސްވަނައަށް 100 ޑޮލަރެވެ.
މެރަތަން (ދިވެހި ދުވުންތެރިން) އެއްވަނައަށް ވަނީ 500 ޑޮލަރެވެ. ދެވަނައަށް ހުށަހަޅައިފައިވަނީ 300 ޑޮލަރެވެ. ތިންވަނައަށް 200 ޑޮލަރެވެ.