ލ. ގަމު ބައިބަލާ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސްނޯ އިންވެސްޓްމެންޓް

ކިޔުމަށް ހޭދަވާނީ 2މ 7ސ
ލ. ގަމު ބައިބަލާ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސްނޯ އިންވެސްޓްމެންޓް
ކުރިއަށް އޮތް އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިބަލާ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސްނޯ އިންވެސްޓްމެންޓް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގަމު ރިއަލް އައިލެންޑް ސޮސައިޓީން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

އާދިއްތަ ދުވަހުގެރޭ ސީގަލް ކެފޭގައި ބޭއްވި ކުރު ހަފްލާއެއްގައި މެއިން ސްޕޮންސަރުގެ އެއްބަސްވުމުގައި ސްނޯ އިސްވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު ޙަބީބެވެ. ރިއަލް އައިލެންޑް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ސުޖާއު އާއި ބޯޑު މެމްބަރު މޫސާ ޙަމްދީއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސްނޯ އިންވެސްޓްމެންޓްގެ ޗެއަރމަން މުޙައްމަދު ޙަބީބު ވިދާޅުވީ އެ ކުންފުންޏަކީ ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ފަރާތެއް ކަމަށެވެ.

ރިއަލް އައިލެންޑް ސޮސައިޓީގެ ފަރާތުން އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ސުޖާއު ވިދާޅުވީ މި މުބާރާތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް ސްނޯ އިންވެސްޓްމެންޓުގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި މުބާރާތަކީ އަތޮޅުތެރޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި ވާދަވެރި މުބާރާތަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސުޖާއު ވިދާޅުވީ މި މުބާރާތަކީ މިއަހަރު ލ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ނަމަވެސް އަންނަ އަހަރުން ފެށިގެން މުޅި ރާއްޖެއަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާނެ ކަމަށެވެ.

މި މުބާރާތުގެ ސްޕޮންސަރގެ ގޮތުގައި ސްނޯ އިންވެސްޓްމެންޓްގެ ފަރާތުން ފޯރުކޮށްދީފައިވަނީ އެ ކުންފުނިން މުޅިން އަލަށް ދިވެހި މާކެޓަށް ނެރުނު ތިން ވައްތަރުގެ ސޮފްޓް ޑްރިންކްސް ކަމަށްވާ ޑރ. ތަންހް ހާބަލް ޑްރިންކާއި ޒީރޯ ޑިގްރީ ލެމަން ގްރީން ޓީ އަދި ނަމްބަރ ވަން އެކްޓިވް ލެމަން އައިސޯޓޮނިކް ޑްރިންކެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާ އިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައަޅާފައެވެ.
މިއަދު އޮންލައިން