ދުބާއީ ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބުނު އެންމެ ބޮޑު ސަބަކަށްވީ ކޮމިޝަނަރ އޮފް ޕޮލިސް ރައްޔިތުންނާއި ސީދާ ބަްދަލުކުރަން ފެށުމެވެ.
ރައްޔިތުންގެ ހުންނަ ކަންބޮޑުވުންތަކުގެ އަޑުއަހައި ޖަވާބުދޭން ވޭން ފެށުމެވެ.
އެގޮތުން ބޭއްވި ފުރަތަމަ ބައްދަލުވުން ބޭއްވީ ޢާންމުންގެ ބައަކަށް ދައުވަތުދީ ފުލުހުންގެ މަރުކަޒަށް ގެންގޮސްގެންނެވެ. އެބައްދަލުވުމުގައި ސީޕީ ލެފްޓިނަންޓް ޖެނެރަލް ޚާމިސް މައްތާރު ވިދާޅުވީ ރައްޔިތުންނާއި ބައްދަލުކުރައްވަމުން ގެންދަވާނެ ކަމަށާއި ދެން ބާއްވަވާ ބައްދަލުކުރެއްވުންތައް ބާއްވަވާނީ ޢާންމުކޮށް ހުޅުއްވައިލައްވަވައިގެން ކަމަށެވެ.
ސީޕީ ވިދާޅުވީ ބޭނުން ކޮންމެ މީހަކަށް ބައްދަލުވުމުގައި ބައިވެރިވެވެވޭނެ ކަމަށެވެ. ކަންބޮޑުވުންތަކުގެ ވާހަކަތައް ދެއްކޭނެ ކަމަށެވެ. ސުވާލުކުރެވޭނެ ކަމަށެވެ. ރަނގަޅުކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ފުލުހުންގެ ކިބައިގައި އޮތްނަމަ އެކަމެއް ރަނގަޅު ކުރައްވާނެ ކަމަށެވެ.
"އަހަރެން އަތަކު ފޮރުވާނެ އެއްޗެއް ނެތް، ފޮރުވަން ޖެހޭނެ ކަމެއްވެސް ނެތް. ޤައުމީ ސިއްރު ނޫން ކޮންމެ ކަމެއް ހާމަކުރާނަން." ކަމަށް ވިދާޅުވުމަށްފަހު ސީޕީ ގެންދެވީ އަމަލުން އެކަން ދައްކަވައިދެއްވަމުންނެވެ.
ނަތީޖާއަކަށް ވެގެންދިއައީ ރައްޔިތުންގެ ލޯތްބާއި އެއްބާރުލުން ފުލުހުންނަށް ލިބުން އިތުރުވެގެން ދިއުމެވެ.
އެކަމުގެ ހަޤީޤީ ހެކި ރައްޔިތުންގެ އަމަލުން ދައްކައދިނީ 2016 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ކުއްލި ގޮތަކަށް ސީޕީ ނިޔާވެގެން ބޭއްވި ޖަނާޒާގައި ރެކޯޑް އަދަދަކަށް ޢާންމުރައްޔިތުން ބައިވެރިވިއެވެ. ހަމައެކަނި ބައިވެރިވީއެއް ނޫނެވެ. އަޑުންއަޑުނަގައި ރުއީއެވެ. ލޮލުން ކަރުނަ ބާލަމުންނެވެ. ޚަބަރުތަކުގައި ބުނެފައިވަނީ އެއީ ފަހުގެ ތާރީޚުގައި ރެކޯޑް އަދަދަކަށް ރައްޔިތުން ބައިވެރިވި ޖަނާޒާއެއް ކަމަށެވެ.