މިލަންދޫ އާއި މާޅޮސް މެޗު އެއްވަރު- ތަރިއަކީ ސައްޓު

ކިޔުމަށް ހޭދަވާނީ 1މ 10ސ
މިލަންދޫ އާއި މާޅޮސް މެޗު އެއްވަރު- ތަރިއަކީ ސައްޓު
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މިލަންދޫ އާއި އއ މާޅޮސް ބައްދަލުކުރި މެޗު ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ.

މި މެޗުގެ ތަރިއަކަށްވީ މިލަންދޫ ޓީމުގެ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބ. އޭދަފުށީގެ ޒުވާން ހުނަރުވެރު ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މާޅޮހުން މެޗުގެ 27 ވަނަ މިނިޓުގައި މުނޯޒް ކާމިޔާބުކޮށްދިން ލަނޑާއި 68 ވަނަ މިނިޓuގައި ކެޕްޓަން އިބްރާހިމް ނާއިފް ޖަހައިދިން ލަނޑުން ދެ ލަނޑުގެ ލީޑެއް މާޅޮސް ލީޑު ނަގާފައިވަނިކޮށް ދެވަނަ ހާފުގައި ކުޅެން އެރި މިލަންދޫގެ އިޝާން އިބްރާހިމް ނުވަތަ ދަނޑުމަތީ ނަމުންނަމަ ސައްޓުވަނީ އޭނާގެ ކޮއްޓުމާއި ނެއްޓުމުގެ ހުނަރު ދައްކާލާފައެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ 5 މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިޝާން އިބްރާހިމް ވަނީ މިލަންދޫގެ ފުރަތަމަ ގޯލު ޖަހާފައެވެ. އަދި ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ސައްޓު ޖަހާފައިވަނީ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދެއްކި 4މިނިޓްގެ ތެރެއިން ފަހު މިނިޓުގައެވެ.

މެޗާއިބެހޭގޮތުން ސައްޓު ބުނީ އެއްވަރުވުމުން ހިތްހަމަޖެހޭ ކަމަށާއި މޮޅުނުވެވުމުން ދެރަވާ ކަމަށެވެ. އަދި މި މެޗަކީ މޮޅުވެވޭނެ މެޗެއް ކަމަށެވެ.

"ހީވަނީ ފުރަތަމަ ހާފުގައި ޓީމުގެ ކުޅުން ތަންކޮޅެއް ދަށީހެން. އެކަމަކު ފަހު ހާފުގައި ޓީމުގެ ކުޅުން ރަނގަޅު. އިންޑިވިޖުއަލީ ގޯލު ޖެހުނަސް ޓީމު މޮޅުނުވީމަ ދެރަވޭ" ސައްޓު ބުންނެވެ.
މިއަދު އޮންލައިން