ހޫނު މޫސުން ކުރިމަތިވެ ދިރިއުޅެން އުނދަގޫވަރަށް ހޫނުގަދަވެފައިވާއިރު ޣާޒާގައި ކަރަންޓެއް ނެތެވެ. ފިނިކަމެއް އަދި އަލިކަމެއް ލިބޭނެ ގޮތެއްވެސް ނެތެވެ. ފިނިކަމެއް ބޭނުންނަމަ އޮތީ މޫދަށް އެރުމެވެ. ލޮނުގަނޑުގެ ހޫނުމިންވެސް އެހައިމެމައްޗެވެ.
ހޮސްޕިޓަލުތަކުގައިވެސް ގިނަ ވަގުތު ކަރަންޓެއް ނުހުރެއެވެ. އިމަރޖެންސީ ޖެނެރޭޓަރު ހިންގައިލެވޭނެ ގޮތެއްވެސް ނެތުމުންނެވެ. ޣާޒާއަށް މުދާ އެތެރެކުރެވޭނެ ގޮތެއް ނެތުމުންނެވެ. އެހީއެއް ލިބުނު ނަމަވެސް ރައްޔިތުންނާއި ހަމައަށް ފޯރާނެ ގޮތެއް ނެތުމުންނެވެ.
ޣާޒަ ހިސޯރުކޮށް ޣާޒާގެ ރައްޔިތުންނަށް އަދަބުދީ މަރަމުން ގެންދިއުން ނިމުމަކަށް ގެނެސް ޣާޒާ މިނިވަން ކުރުމަށް އދ އިން ވަނީ މީގެ ދެ ދުވަސްކުރިން ގޮވާލައިފައެވެ.
އދ އިން ބުނެފައިވަނީ ޣާޒާ ހިސޯރުކޮށް ޖަލެއްގެ ގޮތުގައި ބޭއްވުމަކީ އިޒްރޭލަށް ލިބިފައިވާ ހައްޤެއް ނޫން ކަމަށާއި ޣާޒާގެ ރައްޔިތުންނަަކީވެސް މިނިވަންކަމާއިއެކު ދުނިޔޭގައި އުޅެވޭ ބައަކަށް ހަދަންޖެހޭ ކަމަށެވެ.