އިންޑިއާގެ ހައުރާ ޕަންޗިއާ އަވަށުގައި ދިރިއުޅޭ، ސަންޖީތާ ޕޮރެލް ނަމަކަށް ކިޔާ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު، ގައިގާ އަލިފާން ރޯކޮށްލާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފިއެވެ. ކަލްކަޓާ މެޑިކަލް ހޮސްޕިޓަލަށް ވަގުތުން އޭނާ ގެންގޮސް ފަރުވާ ދިނުމުގެ ސަބަބުން އޭނާގެ ފުރާނަވަނީ ސަލާމަތް ވެފައެވެ.
މިދިޔަ އަންގާރަ ދުވަހު ސަންޖީތާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވަނީ، އޭނާގެ ކްލާސް ކުދިން އޭނާއާއި ދިމާކޮށް، "ވަގަށް" ގޮވާ އަދި ސަންޖީތާގެ އަތުގައި "އަހަންނަކީ ވަގެއް" މިހެން ލިޔަން މަޖުބޫރު ކުރުވުމުން، އެކަމާއި ނަފްސާނީ ގޮތުން ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.
މިމައްސަލައާއިމެދު ހައުރާގެ އެސްޕީ ސުމިތު ކުމާރް ބުނީ، ކުޑަކުއްޖަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަން ރިޕޯޓު ކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ބަޔާން ދެމުން ސަންޖީތާ ވަނީ، އޭނާގެ ރަޙްމަތްތެރި އަދި ކްލާސްކުއްޖެއް ކަމަށްވާ ޕާޔަލް ޕޯރަލް ގެ އަތުން 500 ރުޕީސް ވަގަށް ނެގި ކަމަށް އެއްބަސް ވެފައެވެ. ނަމަވެސް އޭނާ އެފައިސާ ވަގަަށް ނެގީ އޭނާގެ މަންމަ އަށް ސާޅިއެއް ގަނެދިނުމަށް ކަމަށް ވެސް ސަންޖީތާ ބުންޏެވެ.
ނަމަވެސް ޕާޔަލް އާއި ޕާޔަލްގެ އާއިލާއަށް ޝައްކުވެގެން ސަންޖީތާގެ ހަށިގަނޑު ބަލާފާސްކޮށް، ޖަންގިޔާ ތެރެއިން އެ 500 ރުފިޔާގެ ނޫޓު ފެނުމުން، ސަންޖީތާގެ ވާހަކަ ފުލުހުންނަށް ރިޕޯޓު ނުކުރިނަމަވެސް އޭނާއަށް ވަރަށް މަލާމާތް ކުރިކަމަށް ސަންޖީތާ ބުންޏެވެ. އަދި އޭގެ އިތުރުން ސްކޫލުގެ އެހެން ކުދިން ގާތު ޕާޔަލް އެވާހަކަ ދައްކާ، ކްލާސް ތެރޭގައި ވެސް އޭނާއާއި ދިމާކޮށް، ގަދަކަމުން އޭނާގެ އަތުގައި "އަހަންނަކީ ވަގެއް" ލިޔުއްވި ކަމަށް ވެސް ސަންޖީތާ މަޢުލޫމާތު ދިނެވެ. އެދުވަހުގެ އެމަލާމާތަށް ކެތްނުކުރެވިގެން، އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ކަމަށް ސަންޖީތާގެ ބަޔާން ނިންމާލަމުން ބުންޏެވެ.
ސަންޖީތާގެ މަންމަ ލީލާ ފުލުހުންނަށް މަޢުލޫމާތު ދެމުން ބުނީ، އަންގާރަ ދުވަހު ސްކޫލުން އައި ގޮތަށް ސަންޖީތާ ދިޔައީ ޓެރަސް މައްޗަށް ކަމަށާއި، އޭނާ ގައިގާ ރޯކޮށްލައިގެން އުޅޭ ވާހަކަ އެންގީ އަވައްޓެރިންނަށް ފެނިގެން ކަމަށެވެ.
މީގެ އަށް މަސް ކުރިން ބަޔަކު، ބިމުގެ މައްސަލައެއްގައި، ސަންޖީތާގެ ބައްޕަ މަރާލީ ކަމަށާއި އޭގެ ފަހުން މާއްދީ ޙާލަތު ރަނގަޅު ނޫން ކަމަށް ވެސް ސަންޖީތާގެ މަންމަ މަޢުލޫމާތު ދިނެވެ.