"ހައްދު" ގެ ދެވަނަ ޓްރެއިލަރ އިންވެސް ބެލުންތެރިންގެ ހިތްތައް "ބުރުއްސައިފި"

ކިޔުމަށް ހޭދަވާނީ 1މ 50ސ
"ހައްދު" ގެ ދެވަނަ ޓްރެއިލަރ އިންވެސް ބެލުންތެރިންގެ ހިތްތައް "ބުރުއްސައިފި"
ކާމިޔާބު އެތަކެއް ފިލްމުތަކެއް ޕްރޮޑިއުސްކޮށް ޑައިރެކްޓް ކޮށްފައިވާ ޢަބްދުލްފައްތާޙްގެ އެންމެ ފަހުގެ ފިލްމު "ހައްދު" ގެ އޮފިޝަލް ދެވަނަ ޓްރެއިލަރ ބެލުންތެރިންނާއި ހިއްސާ ކޮށްފައިވާއިރު، ދެވަނަ ޓްރެއިލަރވެސް އެހާމެ ހިތްގައިމެވެ.

ފިލްމުގައި ހަރަކާތްތެރިވެފައިވާ ސަޕޯޓިންގ އެކްޓަރުންގެ ހުނަރުވެރި އެކްޓިންގގެ ތަންކޮޅުތަކެއް ހިމެނިގެންވާ މިޓްރެއިލަރ އިންވެސް ބެލުންތެރިންގެ ހިތްތައް "ބުރުއްސައިފި" އެވެ.

ހަމަ ޔަޤީނުންވެސް މިޓްރެއިލަރ ބެލުމަށްފަހު، ގިނަ ބެލުންތެރިން ތިބީ ފިލްމް ޕްރިމިއަރ ކުރާނެ ދުވަހަކަށް ކެތްމަދުވެފައެވެ.

ޢަބްދުލްފައްތާޙުގެ ރިކޯޑް ބްރޭކިންގ މޫވީ "ހައްދު" ސެޕްޓެމްބަރ މަހުގެ 6ވަނަ ދުވަހު އޮލިމްޕަސް ސްކްރީންގައި ޕްރިމިއަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފިލްމުގެ ޓިކެޓް މިހާރުވެސް އޮލިމްޕަހުން ވިއްކަމުން އެބަދެއެވެ.

ފިލްމުގައި ލީޑް ރޯލުން ފެނިގެން ދަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ފިޔަޖަހަމުންދާ ކުޅަދާނަ އެކްޓްރެސްއިން ކަމަށްވާ މަރިޔަމް އައްޒަ އާއި އާމިނަތު ރިޝްފާ އާއި އަލަށް މިދާއިރާއަށް ތަޢާރަފްވާ ހުނަރުވެރި އެކްޓަރެއް ކަމުގައިވާ އަޙްމަދު ޝިބާން އެވެ.

މީގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން އަލީ އާޒިމް (ދޮން އައްޔަ) އާއި ފައުޒިއްޔާ، އާރިފާ، ޝަކީލާ އާއި ނުޒުހަތު ޝިހާބު (ނުޒޫ) ގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނެއެވެ.

ފިލްމުގައި ހިތްގައިމު އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭއިރު، ފިލްމުގެ ލަވަތައް ކިޔާދީފައިވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އަދި އޭނާގެ އަންހެނުން އަޝްފާ އެވެ. އެދެމަފިރިންގެ ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު ވެސް ފިލްމުގެ އެއް ލަވަ ކަމަށްވާ "ދުޢާ" ގެ ތަންކޮޅެއް ކިޔާދީފައިވެއެވެ.

ފިލްމު ރިލީޒްވުމުގެ ކުރިން، ސައުންޑްކްލައުޑް އިން މިފިލްމުގެ ލަވަތައް އަޑުއަހާލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ފިލްމުގެ އެއް ލަވަ ކަމަށްވާ "ބީހިލާ" ގެ ވީޑިއޯވެސް ވަނީ ރިލީޒްކޮށްފައެވެ.
މިއަދު އޮންލައިން