ލ. ގަން ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްްގެން ބާއްވަމުން އަންނަ ޔޫތު ފޯރ އަ ސޭފަރ ކޮމިއުނިޓީ ފުޓްސަލް މުބާރާތް ފަށައިފިއެވެ.
"ކޭބޯލާ" ބޮޑުބެރު ގުރޫޕުގެ ހުށަހެޅުންތަކާއެކު ރޭ މި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ލ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފްއެވެ. މިރަސްމިއްޔާތުގައި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ލ. އަތޮޅުގެ އެކި އިދާރާތަކުގެ އިސްވެރިންނާއި ސިކްސް ސެންސަސް ލާމުގެ އިސްވެރިންނާއި ރަށު ކައުންސިލްގެ މެމްބަރުންނާ ލ. އަތޮޅު ކޮމާންޑަރާއި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.
މު ބާރަތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ މިދިޔަ އަހަރުގެ މުބާރަތުގެ ޗެމްޕިއަން ފެނަކަ އާއި އެމްއެންޑީއެފްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މިމެޗު ނިމިފައިވަނީ 2-2 ން ދެ ޓީމު އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ފެނަކަ ޓީމުގެ ޙުސައިން ނާޝިދުއެވެ.ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ޕޮލިސް ޓީމު ކަމަށްވާ ލާމު ބްލޫސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޓީމެވެ. މިމެޗު 1-0 ން ކާމިޔާބުކުރީ ލާމު ބްލޫސް އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ލާމު ޕޮލިސް ޓީމުގެ އިބްރާހިމް ސަމީރުއެވެ. ރޭ ކުޅުނު ތިން ވަނަ މެޗުގައި ހައުސިންގ އާއި މާންދޫ ވާދަކުރިއިރު މިމެޗު 5-2 ން ކާމިޔާބުކުރީ މާންދޫއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މާންދޫ ޓީމުގެ އިބްރާހިމް ޝަރީފްއެވެ.
މި މުބާރާތުގެ ކުޅުން މިރޭވެސް ކުރިއަށްދާނެއެވެ. އެގޮތުން މިރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ކޭއީއާރުސީއެސް އާއި އެސްޓީއޯ ފޮނަދޫއެވެ. މިމެޗުގެ ކުޅުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ. މިރޭ 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ދިރާގާއި ގަން ކައުންސިލް ވާދަކުރާއިރު 22:30 ގައި ކުޅޭ މެޗުގައި ވާދަކުރާނީ އެސްޓީއޯ މެޑިކަލް އާއި ގަން ރީޖަނަލް ހޮސްޕިޓަލެވެ.
އޮގަސްޓް 12 ން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޔޫތު ފޯރ އަ ސޭފަރ ކޮމިއުނިޓީ ފުޓްސަލް މުބާރާތަކީ ލ. އަތޮޅުގެ އެކި މުއައްސަސާތަކާއި ޒުވާނުންނާއި ފުލުހުންނާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ލ. އަތޮޅަކީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމަށްގުޅިގެން މަސައްކަތްކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
އުރީދޫން ސްޕޮންސަރކޮށްފައިވާ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް ދެ ޒުވާނަކު ހިމެނޭއިރު މި މުބާރާތުގައި 14 ޓީމަކުން ބައިވެރިވެއެވެ. މިއީ މިމުބާރާތް ބާއްވާ 3 ވަނަ އަހަރެވެ.
ޙަބަރު ޕޮލިސް