ޕަޕަރާޒީންގެ ކެމެރާތަކުން ތައިމޫރް އަށް ވެސް ސަލާމަތް ނުވެވޭ

ކިޔުމަށް ހޭދަވާނީ 2މ 2ސ
ޕަޕަރާޒީންގެ ކެމެރާތަކުން ތައިމޫރް އަށް ވެސް ސަލާމަތް ނުވެވޭ
ބޮލީވުޑް ތަރިންގެ ދަރިން، ޕަޕަރާޒީންގެ ކެމެރާތަކުގެ ފޯކަސްއަށް އެރުމަކީ އައު ކަމެއް ނޫނެވެ. ޚާއްސަކޮށް ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ނުވަތަ ތަރިންގެ ދަރިއެއް ކަމުގައިވާނަމަ، އެމީހުން ދިރިއުޅޭ ގެއިން ކަންމައްޗާއި ހަމައަށް ދިޔަ ކަމުގައި ވިޔަސް، ޕަޕަރާޒީންގެ ކެމެރާތަށް އެކުދިންނަށް އަމާޒުވެ ފޮޓޯތައް ނެގެމުން ދެއެވެ.

އެގޮތުން އައިޝްވާރްޔާ ރާއީ ބަޗަން އަދި އަބީޝޭކް ބަޗަން ގެ ދަރިފުޅު އާރަދްޔާ ބަޗަން އާއި ޝާހިދު ކަޕޫރާއި މީރާ ރާޖްޕޫތުގެ ދަރި މީޝާ ކަޕޫރު އަދި ޝާޚްރުކް ޚާން އާއި ގައުރީ ޚާންގެ ހަގު ދަރިފުޅު އަބްރަމް ޚާން ދަނީ އުފަންވީ ވަގުތުން ފެށިގެން މިކަމާއި ކުރިމަތިލަމުންނެވެ.

މިކުދިންނާއި އެކު އެލިސްޓުގެ އެންމެ ކުރީގައި މިހާރު އުޅެނީ ކަރީނާ ކަޕޫރު ޚާން އަދި ސައިފް އަލީ ޚާން ގެ ދަރިފުޅު ތައިމޫރް އަލީ ޚާން ޕަޓައުޑީ އެވެ.

އުފަންވީ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް "ޗޯޓާ ނަވާބް" ތައިމޫރް ވަނީ އަބަދުވެސް ޕަޕަރާޒީންގެ ފޯކަހަށް އަރާފައެވެ. އެއީ މަންމަ ކަރީނާ އާއިއެކު އާއިލާގެ އެހެން މެންބަރުންނާއި ބައްދަލު ކޮށްލަން ދާން ކަމުގައި ވިޔަސް، ތައިމޫރް ގެ ކުޑަކޮށް ވެސް ހިލަމެއް ވެއްޖެނަމަ، ޕަޕަރާޒީންގެ ކެމެރާތަކުން ފޮޓޯތައް ހުއްޓުމެއްނެތި ނެގެމުން ދެއެވެ.

އެގޮތުން އެންމެ ފަހުން ތައިމޫރް އަލީ ޚާން އާއި ބެހޭގޮތުން ލިބުނު ޚަބަރަކީ، ހަތް މަސް ފުރުމުގެ މުނާސަބަތުގައި އޭނާގެ މަންމަ އާއި ބައްޕަ (ކަރީނާ އާއި ސައިފް) އާއިއެކު ސްވިޒަރލޭންޑަށް ގޮސް އެނބުރި އައި ޚަބަރެވެ.

އިންޑިއާގެ ރިޕޯޓަރުންވަނީ ނުހަނު ކުޅަދާނަކަމާއިއެކު، އެމީހުން އެއާރޕޯޓަށް ދާން ނިކުތް ހިސާބުން ފެށިގެން އެއާރޕޯޓުގެ އެތެރެއަށް ވަނުމާއި ހަމައަށް ވެސް ފޮޓޯއާއި ޚަބަރުތައް ނަގާފައެވެ. އަދި ހަމަ އެފަދައިން ސްވިޒަރލޭންޑުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި މުމްބައި އެއާޕޯޓަށް އައިސް، ކާރަށް އެރުމާއި ހަމައަށް ވެސް އެމީހުންގެ ކެމެރާތަކުން ތައިމޫރް ނުފިލައެވެ.

ކަރީނާ އޭނާގެ "ނޯ-މޭކަޕް" ފެނިލުމުގައި ކެޝުއަލްކޮށް ހެދުން އަޅާފައި ހުރި އިރު، ސައިފް ހުރީ އޭނާގެ "ޑެޕަރ ލުކް" ގައެވެ. އަދި އެދެމަފިރިންގެ ތުއްތު ދަރިފުޅު ތައިމޫރް ހުރީ ކުޑަ ޓީޝަރޓް އަކާއި ސޯޓެއް ލައްވާފައެވެ. ފޮޓޯތަކުގައި ތައިމޫރް ކެމެރާއަށް ބަލަން ހުރި ގޮތުން ވެސް، އެއީ އޭނާއަށް އަބަދުވެސް ތަޙައްމަލު ކުރަން ޖެހޭނެ ކަމެއްކަން އެކުއްޖާއަށް އިނގޭ ފަދައެވެ.

ކޮންމެހެނަކަސް، މިފޮޓޯތަކުން އެމީހުންގެ ކުޑަ އާއިލާގެ އައު ފޮޓޯތަކެއް މީޑިއާ މެދުވެރިކޮށް ބެލުންތެރިންނަށް މިވަނީ ފެނިފައެވެ.
މިއަދު އޮންލައިން