އަހަރުމެންގެ ދަރިންނަށް ކުޅޭ އެއްޗެހި ގަނެދިނުމަކީ ވަރަށް ލޯބިން އަހަރުމެން ކުރާ ކަމެކެވެ. އެކުދިން ފޫހިވިޔަ ނުދިނުމަށާއި އަދި އުފަލުގައި ބެހެއްޓުމަށް އޮތް ހައްލަކީ ވީހާވެސް ގިނަ ކުޅޭ އެއްޗެހި ގަނެދީ އެއެއްޗެއްސާއި ކުޅުމުގައި އެކުދިން ބިޒީ ކޮށްލުން ކަމަށް އަހަރުމެންގެ ތެރެއިން ވެސް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.
ނަމަވެސް އެމެރިކާގެ، ކުޑަކުދިންގެ ސައިކޮލޮޖިސްޓުންގެ ޓީމެއް ވަރަށް ފަހުން ކުރި ދިރާސާތަކަކަށްފަހު ބުނެފައިވަނީ، ކުޑަކުދިންނަށް ކުޅޭ އެއްޗެހި ދިނުމަށްވުރެ، މިކަންކަން ކުރުމުން އެކުދިންނަށް ލިބޭ ހިތްހަމަ ޖެހުމާއި ފައިދާ ބޮޑުވާނެ ކަމަށާއި، އެއީ ދަރިންނަށް ދެވޭ "ހަދިޔާއެއް" ކަމަށެވެ.
- ކެތްތެރިކަން
ކުޑަކުދިންނަކީ އެކި ކަންތައްތައް އަބަދުހެން ކުރާނެ ބައެކެވެ. ސަކަރާތް ޖަހަން އެހެން އުޅުމުގެ ތެރޭގައި އެއްޗެހި ހަލާކުވެ ނުވަތަ މިނޫންވެސް ކޮންމެވެސް ކަމެއް އެކުދިންނަށް ކުރެވިދާނެއެވެ. ނަމަވެސް އެކުދިންގެ ފަރާތުން ކަމެއްވާއިރަށް އެކުދިންނާއި ދިމާލަށް ފުރަތަމަ ވެސް ހަޅޭ ނުލަވާ، ކެތްތެރިވެ އެކުދިންނަށް ލޯބިން ވިސްނާ ދިނުމުން، އެކުދިން ވަރަށް އުފާވާނެއެވެ.
- މިނިވަންކަން
އެކުދިން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރުމުން ނުހުއްޓުވާށެވެ. ކުޑަކުދިންނަކީ އަބަދުވެސް އަމިއްލައަށް ކަންތައްކޮށް އެކި ތަޖުރިބާތައް އަމިއްލައަށް ހޯދަން ބޭނުންވާނެ ބަޔަކަށް ވާތީ، އެކަމަކީ އެކުދިންނަށް ގެއްލުން ނުލިބޭނެ ކަމަކަށްވަންޏާ އަދި އެކުދިންގެ އުމުރާއި އެކަށީގެންވާ ކަމަކަށްވަންޏާ، އެކަންތައްތައް އެކުދިން ވަކި މިންގަނޑަކަށް ނަމަވެސް ކުރިޔަދިނުން ވަރަށް މުހިންމެވެ.
- އަމިއްލަ ޚިޔާލު ބޭނުން ކުރަން ދަސްކޮށް ދިނުން
ޙަޤީޤަތުގައި ކުޑަކުދިންނަކީ ވަރަށް ސިކުނޑި ތަނަވަސް ބައެކެވެ. އެކުދިންނަކީ އެކި ކަހަލަ އެއްޗެހިން ވެސް ތަފާތު އެކި އެއްޗެހި އުފެއްދުމުގެ ހުނަރު ލިބިގެންވާ ކުދިންނެވެ. ދަރިންގެ ސިކުނޑި އިތުރަށް ތަނަވަސް ކުރުމަށް، އެކުދިންގެ އަމިއްލަ ޙިޔާލު ބޭނުން ކުރަން ދަސްކޮށްދޭށެވެ. ކުދިކުދި ކަންކަމުގައި އެކުދިންގެ ޙިޔާލުވެސް ހޯދާ، ކަންކަމުގައި އެކުދިންވެސް ޝާމިލް ކުރުން ބުއްދިވެރިއެވެ.
- ކުރާ ސުވާލުތަކަށް ޖަވާބު ދިނުން
ދަރިންނަކީ ހެދި ބޮޑުވެގެން އަންނައިރު އެކި ކަންކަމާއި ވަރަށް ވެސް ގިނައިން ސުވާލު ކުރާނެ ބައެކެވެ. އަހަރުމެންނަށް ވަރަށް ކުދި "ހަމަނުޖެހޭ" ސުވާލު ކަމުގައި ވިޔަސް، އެކުދިންނަށް އެސުވާލުތަކުެ ޖަވާބު އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކުދިންލައްވާ އެފަދަ ސުވާލުތަށް ކުރުވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
- އުނދަގޫ ކަންތައްތައް ވެސް އަމިއްލައަށް ކުރަން ޖެއްސުން
މިސާލަކަށް ބުނަނީ ނަމަ ކުޑައިރު އަމިއްލައަށް ހެދުން ލާން ދަސްކޮށްދިނުން ނުވަތަ އުނދަގޫ ޕަޒްލް އެއް ކަހަލަ އެއްޗެއް ވިޔަސް އެކުދިން އަމިއްލައަށް ހަދަން ހަވާލު ކުރުމެވެ. ކުރިންވެސް ބުނި ފަދައިން ކުދަކުދިންނަކީ ސިކުނޑި ތަނަވަސް ކުދިން ކަމަށްވާއިރު، އެކުދިންނަށް އެބުއްދީގެ ބޭނުން ފުރިހަމައަށް ބޭނުން ކުރަން ފުރުސަތު ދިނުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.
- ތެދުވެރިވުން
މިއީ ދަރިންނަށް ދަސްކޮށްދޭން ޖެހޭ ވަރަށް މުހިންމު އެއްކަންތަކެވެ. އަހަރުމެންގެ ދަރިން، ލާމަސީލު ނަމޫނާއެއްގެ ގޮތުގައި އަބަދުވެސް އެންމެ ފުރަތަމަ ނަގާނީ އަހަރުމެންނެވެ. އެހެންކަމުން އަހަރުމެންނަކީ ތެދުވެރި ބައެއްކަން އެކުދިންނަށް ވެސް އަންގަންވާނެއެވެ. އަދި ކޮންމެ ކަމެއްގައިވެސް ތެދުވެރިވުމަކީ ވަރަށް މުހިންމު ކަމެއްކަން އެކުދިންނަށް އަބަދުވެސް ދަސްކޮށްދީ އަބަދުމެ ހަނދުމަ ކޮށްދޭން ވާނެއެވެ.