ދެ އަހަރު ދުވަހު ލޯބިވެގެން އުޅުމަށްފަހު އަންހެން މީހާ ލޯބި އުވާލުމުން ބަދަލު ހޯދަން ކުރި މަސައްކަތުގައި މަރުގެ އިންޒާރު ދިނުމުން މައްސަލަ ހޫނުވެއްޖެއެވެ.
ދުބާއީގައި ދިރިއުޅޭ ޗައިނާގެ ދެ ރައްޔިތުންގެ މެދުގައި ޖެހުނު މައްސަލަ މިހާރު ވަނީ ކޯޓުގައެވެ. މައްސަލަ ހުށަހެޅީ 27 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ބުނެފައިވަނީ ދެމީހުންގެ މެދުގައި އޮތް ލޯބި ނިންމައިލީ އޭނާ ކަމަށާއި ލޯބި ނިންމައިލުމުން 23 އަހަރުގެ ފިރިހެން ކުއްޖާ އެދުނީ ބަދަލަށް ކަމަށެވެ.
"ކޮންމެ ދުވަހަކު އޭނާ އައިސް ފްލެޓުގެ ދޮރުގަ ޓަކި ޖަހަނީ. ޓަކި ޖަހާފަ ބުނަނީ ލޯބިވެގެން އުޅުނުއިރު އޭނާ ދިން ހަދިޔާތަކަށް ބަދަލުދޭން. ފްލެޓްގެ ދޮރު ހުޅުވުން ހުއްޓާލީމާ މަންމައަށް ފޮނުވި އެސްއެމްއެސްގަ ބުނެފަ އޮތީ ބަދަލު ނުދޭނަމަ އަހަރެން މަރާލާނެ ކަމަށް. އެހެންވެ ފުލުހުންނަށް އަހަރެން މައްސަލަ ހުށަހެޅީ." ކަމަށް އަންހެން ކުއްޖާ ކޯޓުގައި ބުނެފައިވެއެވެ.
ފިރިހެން ކުއްޖާ ބުނީ ލޯބިވެގެން އުޅުނު ދުވަސްވަރު އޭނާއަށް ލިބުނު ހުރިހާ ފައިސާއެއް ޚަރަދުކުރީ އަންހެން ކުއްޖާއަށް ކަމަށާއި ލޯބި އުވައިލީ އަންހެން ކުއްޖާ ކަމަށްވުމުން އޭނާކުރި ޚަރަދު އަނބުރާ ލިބެންޖެހޭނެ ކަމަށެވެ. އަދި އެސްއެމްއެސްއެއް ފޮނުވަންޖެހުނީ އެއްގޮތަކަށްވެސް ފޯނު ނުނެގުމުންނާއި ފްލެޓްގެ ދޮރުހުޅުވައިލުންވެސް ހުއްޓައިލުމުން މުޢާމަލާތުކުރާނެ ގޮތެއް ހޯދަން ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ދުލުން ވައުދުވުމަށްފަހު ނަމަވެސް ވައުދު އުވާލައިފިނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ދެ މީހުން ވާހަކަދައްކައިގެން 1 މަސްދުވަސްތެރޭގައި ހައްލެއް ހޯދަން އަމުރުކުރައްވާ ކަމަށެވެ.