ޤަތަރުގެ ޙައްޖާޖީންނަށް ސަލްވާ ބޯޑަރ ކްރޮސިންގ ހުޅުވާދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޤަތަރުގެ ޙައްޖާޖީންނަށް ސަލްވާ ބޯޑަރ ކްރޮސިންގ ހުޅުވާދެއްވައިފި
ޖިއްދާ- ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ޤަތަރުގެ ޙައްޖާޖީންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒް އަލް ސައުދް، ސަލްވާ ބޯޑަރ ކްރޮސިންގ ހުޅުވާ ދެއްވައިފިއެވެ.

ސައުދީގެ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން މިދިޔަ ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި،ޤަތަރުގެ ޙައްޖާޖީން ސައުދީ އަރަބިއާއަށް ގެނައުމަށް، ސައުދީ އެރެބިއަން އެއާލައިންސްގެ ޕްރައިވެޓް ޖެޓެއް ދޯހާ އެއާޕޯޓަށް ފޮނުވުމަށް ވެސް ސަލްމާން ރަސްގެފާނު ވަނީ އަމުރު ކުރައްވާފައެވެ.

އެސްޕީއޭ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މިހުށަހެޅުން ސަލްމާން ރަސްގެފާނަށް ހުށަހެޅީ އަމީރު މުޙައްމަދު ބިން ސަލްމާން އެވެ. އެމަނިކުފާނު ވަނީ ވަރަށް ފަހުން ޖިއްދާގެ ޕީސް ޕެލެސް ގައި، ޤަތަރުގެ ޝެއިޚް ޢަބްދުﷲ ބިން ޢަލީ ބިން ޢަބްދުﷲ ބިން ޖައްސާމް އަލްޘާނީ އާއި ބައްދަލު ކުރައްވާފައެވެ.

"މިބައްދަލުވުމުގައި، ޝައިޚް އަބްދުﷲ ވަނީ ޤަތަރާއި ސައުދީ އަރަބިއާ އައި ދެމެދު އޮންނަނީ ޒަމާނުންސުރެ ލޭގެ ގުޅުންކަން ފާހަގަ ކުރައްވާ، ޤަތަރުގެ ޙައްޖާޖީން ސައުދީ އަށް ވަނުމަށް ސަލްވާ ބޯޑަރ ކްރޮސިންގ ހުޅުވާދެއްވުމަށް އަމީރު އަރިހު އެދިވަޑައިގެންފަ" އެސްޕީއޭ އިން ބުނެފައިވެއެެވެ.

މީގެއިތުރުން، ޤަތަރުގެ ޙައްޖާޖީންގެ ދަތުރުފަތުރުގެ ހުރިހާ ކަމެއް ހިނގާނީ ސަލްމާން ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ކަމަށާއި ދަތުރުފަތުރުގެ ހުރިހާ ޚަރަދެއްވެސް ބެލެހެއްޓޭނީ އެއުސޫލުން ކަމަށްވެސް ސަލްމާން ރަސްގެފާނު ހަމަޖައްސަވާފައިވާކަމަށް އެސްޕީއޭ އިން ވަނީ ބުނެފައެވެ.

ސަލްވާ ބޯޑަރ ކްރޮސިންގ ކުރިން ބަންދު ކުރެވުނީ، މިއަހަރުގެ ޖޫން މަހު، ޓަރަރިޒަމްގެ ޢަމަލުތަކަށް ޤަތަރުން ސަޕޯޓުކުރާ ކަމުގެ ތުހުމަތުގައި، ސައުދީ އަރަބިއާ، ބަޙްރައިން، ޔޫއޭއީ އަދި މިސްރުން ޤަތަރާއިއެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމަށް ފަހުއެވެ.

މިއަދު އޮންލައިން