ސްޕޯޓްސް ކޮމިޝަންގައި 8 އެސޯސިއޭޝަން ރެޖިސްޓްރީކޮށްފިއެވެ.
ކުޅިވަރުގެ ޤާނޫނުގެ ދަށުން ސްޕޯޓްސް ކޮމިޝަންގައި މިއަދާއި ހަމައަށް ރަޖިސްޓްރީ ކުރި އެސޯސިއޭޝަންތަކުގެތެރޭގައި ހިމެނެނީބާސްކެޓްބޯލް އެސޯސިއޭޝަނާއި ކްރިކެޓް ބޯޑާއި ނެޓްބޯލް އެސޯސިއޭޝަނާއި އެތްލެޓިކްސް އެސޯސިއޭޝަނާއި ސްވިމިންގ އެސޯސިއޭޝަނާއި ހޭންޑްބޯލް އެސޯސިއޭޝަނާއި ބަށިބޯޅަ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަނެވެ.
މި އެސޯސިއޭޝަންތަކާއި ރެޖިސްޓްރޭޝަން ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އިރްތިޝާމް އާދަމްއެވެ.
ރެޖިސްޓްރީކުރަން ހުށަނާޅާ އެސޯސިއޭޝަންތަކުގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ވޮލީބޯޅަ އެސޯސިއޭޝަން ހިމެނެއެވެ.
ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީން ބުނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށްކުޅިވަރު ކްލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.އަދި އެތާރީޚުގެ ފަހުން،ހުށަހަޅާ ކުލަބު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށްދެވޭނީ ޖަމްޢިއްޔާތަކުން ޔޫތު މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ތާރީޚުން ފެށިގެންނެވެ.
މީގެ އިތުރުން އެ ތާރީޚުގެ ފަހުން ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެގެން މެނުވީ، އެއްވެސް ވާދަވެރި ކުޅިވަރު މުބާރާތެއް އިންތިޒާމްކޮށް ހިންގުމާއި ވާދަކުރުމުގެ ފުރުޞަތު ނޯންނާނެ ކަމަށްވެސް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ޤަވާޢިދާއި ހުށައަޅަންޖެހޭ ފޯމް ކުޅިވަރާ ބެހޭމިނިސްޓްރީގެ ވެބްސައިޓުwww.youth.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.
ކުޅިވަރު ކްލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 5 ވަނަ މާއްދާގައި، އެއްވެސް ކުޅިވަރެއް ނުވަތަ ޙަރަކާތަކަށް ނިސްބަތްވާ ކްލަބް ނުވަތަ ޓީމު ނުވަތަ ޖަމްޢިއްޔާއެއް ޤާއިމްކޮށް ހިންގޭނީ އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ކަމަށް ކަނޑައެޅުމާއިގުޅިގުޅިގެންނެވެ.