ރޭޕްކޮށްގެން ބަލިވެއިން އުމުރުން 10 އަހަރުގެ ކުއްޖާއަށް އަންހެން ދަރިއެއް ލިބިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 34ސ
ރޭޕްކޮށްގެން ބަލިވެއިން އުމުރުން 10 އަހަރުގެ ކުއްޖާއަށް އަންހެން ދަރިއެއް ލިބިއްޖެ
އިންޑިއާގެ ޗަންދިގަރްގައި، ރޭޕްކޮށްގެން ބަލިވެއިން އުމުރުން 10 އަހަރުގެ ކުޑަ ކުއްޖާއަށް މިއަދު އަންހެން ދަރިއެއް ލިބިއްޖެއެވެ. ސިޒެރިއަން ހަދައިގެން އެކުއްޖާގެ ދަރިފުޅު ނަގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޗަންދިގަރް ހޮސްޕިޓަލުގައެވެ.

އުމުރުން 10 އަހަރުގައި ބަލިވެ އިނުމުން، އެބޯޝަން އެއް ހެދުމުގެ ހުއްދައަށް އެދުމުން، އިންޑިއަން ސުޕްރީމް ކޯޓުން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އިންޑިއާގެ ޤާނޫނުގައިވާ ގޮތުގައި، ބަނޑަށް 20 ހަފްތާ ފުރުމަށްފަހު، އެބޯޝަން އެއް ނުހެދޭނެއެވެ. އެކުޑަ އަންހެން ކުއްޖާ ބަލިވެ އިންކަން އެނގުން އިރުވެސް އޭނާގެ ބަނޑަށް 21 ހަފްތާ ވެފައިވާކަމަށް ޗަންދިގަރް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވެއެވެ.

ފުލުހުންނަށް އެކުއްޖާ މަޢުލޫމާތު ދިން ގޮތުގައި، ހަތްމަސް ދުވަސް ވަންދެން އޭނާގެ ބޮޑުބޭބެ ވަނީ އެކުއްޖާއަށް ޖިންސީ ގޮތުން ގޯނާ ކޮށްފައެވެ. ބަލިވެ އިންކަން އެނގުނީ، ބަނޑަށް ތަދުވާ ކަމަށް އެކުއްޖާ ބުނުމުން އޭނާގެ މަންމަ އަށް ޝައްކުވެގެންނެވެ.

އެކުއްޖާ ބަލިވެ އިންކަން އެނގުމުން، އެބޯޝަން ހަދަން އެދުމުންވެސް އެހުއްދަ ނުލިބުމުގެ ސަބަބުން، ގިނަ ބަޔަކު ވަނީ އިންޑިއާގެ އެޤާނޫނު ބަދަލު ކުރުމަށް އެދި ގޮވާލާ ހިނގާލުންތައް ވެސް ބާއްވާފައެވެ. އަދި މީގެއިތުރުން، ބަނޑަށް 20 ހަފްތާ ވެފައިވީ ނަމަވެސް، ރޭޕް ފަދަ ކޭސްއެއްނަމަ އެބޯޝަން ހަދާދިނުމުގެ ޤާނޫނެއް ތަންފީޒު ކުރުމަށް އެދި ޕެޓިޝަންތަކެއް ވެސް ހުށަހަޅާފައިވެއެވެ.

ނަމަވެސް މީގެ އެއްވެސް ކަމަކުން އެދެވޭ ނަތީޖާއެއް ނުލިބި، ބަނޑަށް 32 ހަފްތާގައި، އެއަންހެން ކުއްޖާގެ ސިޒޭރިއަން އެއް ހެދުމަށްފަހު މިއަދު ވަނީ ބަނޑުގައި އޮތް ދަރިފުޅު ނަގާފައެވެ. ސިޒޭރިއަން ހެދީ އެކުއްޖާގެ ބަނޑުގައި ދަރިއެއް އޮތްކަން ސިއްރުކޮށް، ބަނޑުގައި އުފެދިފައިވާ ހިލައެއް ނަގަނީ ކަމަށް އެކުޑަ އަންހެން ކުއްޖާގާތު ބުނުމަށް ފަހުއެވެ.
މިއަދު އޮންލައިން