މައިންބަފައިން މިސާލެއްގެ ގޮތުން ނަގައިގެން، އެމީހުންގެ ފިޔަވަޅުމަތިން ދެވޭތޯ ބަލާ ދަރިން މަދުން ނަމަވެސް އުޅެއެވެ. ނަމަވެސް އިންޑިއާގެ މިއާއިލާއަކީ އެކަމުންވެސް ހުރި ލާމަސީލު މިސާލެކެވެ. މުޅި އާއިލާގައި ވެސް ތިބީ އުދުހޭ މީހުންނެވެ. ޕައިލެޓުންނެވެ.
ނިއު ދިއްލީގެ މިއާއިލާގައި މަންމަ އާއި ބައްޕަ އަކީ ދެ ޕައިލެޓުންނެވެ. އެމީހުންގެ އިތުރުން، އެދެމަފިރިންގެ ފިރިހެން ދަރިފުޅާއި އަންހެން ދަރިފުޅަކީވެސް ޕައިލެޓުންނެވެ. މިއީ އިންޑިއާގައި ހުރި ހަމައެކަނި "ފްލައިންގ ފެމިލީ" އެވެ.
އެހެން އާއިލާތަކާއި ޚިލާފަށް މިދެމަފިރިން އެމީހުންގެ ދަރިންނަށްދޭ ނަސޭޙަތަކީ މޫސުން ގޯސް އިރު ފްލައިޓް ޖައްސަން އެވަރުން ނޫޅުމަށާއި، އަބަދުވެސް އިތުރަށް ފިއުލް ގެންދިޔުމަށާއި އަބަދުވެސް މާއަވަސް އަރުވައިގެން ނޫޅުމަށެވެ.
އާއިލާގައި "ޕައިލެޓްކަން" ފަށާފައިވަނީ ކެޕްޓަން ޖައި ދީވް ބާސިން އެވެ. އޭނާއަކީ 1954 ވަނަ އަހަރު އިންޑިއާ ގައި އުފެދުނު ހަތް ޕައިލެޓުންގެ ތެރެއިން އެކަކެވެ. އޭނާގެ ފިރިހެން ދަރިފުޅު ރޯހިތު ބާސިން އާއި ދަނބި ދަރިފުޅު ނިވެދިތާ ބާސިން، އަދި އެދެމީހުންގެ އަންހެން ދަރިފުޅު ނިހާރިކާ އާއި ފިރިހެން ދަރިފުޅު ރޯހަން ވަނީ އާއިލާގެ "އުދުހުމުގެ" ސަޤާފަތް ދަމަހައްޓާފައެވެ.
ނިވެދިތާ އަށް އިންޑިއަން އެއާރލައިންސް އިން އެންމެ ފުރަތަމަ އެޕޮއިންޓްމެންޓް ސިޓީ ލިބުނީ އޭނާގެ އުމުރުން 20 އަހަރުގައި 1984 ވަނަ އަހަރުއެވެ. އުމުރުން 26 އަހަރުގައި، މުޅި ދުނިޔެއިން ވެސް ބޮއިންގް 737 ގެ އެންމެ ޒުވާން އަންހެން ޕައިލެޓްކަމުގައި ނިވެދިތާ ވިއެވެ. ޕައިލެޓްކަމުގެ ދާއިރާގައި ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާފައިވާ ނިވޭދިތާ އާއި އެއްވަރަށް އޭނާގެ ދަރިންވެސް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މިދާއިރާއިން ވަރަށް ކުރިއަރާފައެވެ. އެގޮތުން ވަރަށް ފަހުން އަންހެން ދަރިފުޅު ނިހާރިކާ ވަނީ އެއާބަސް އޭ320 ގައި ކޮމާންޑަރުކަން ކޮށްފައެވެ.
ރޯހިތު އާއި ނިވޭދިތާ ގެ ދަރިން ބޮޑުވަމުން އައި އިރު، މަސައްކަތުގެ ގޮތުން އެކުދިންނަށް އެހާ ވަގުތު ނުދެވުން ކަމުގައި ވިޔަސް، އެކުދިން އެކަމާއި ޝަކުވާއެއް ނުކުރެއެވެ. އަދި މިހާރު ދެމަފިރިންގެ ދެދަރިންވެސް ޕައިލެޓުންނަށް ވެފައިވުމުން، އާއިލާ އެއްކޮށް ބައްދަލުވަނީ މަހަކު ފަސް ފަހަރު ނުވަތަ ހަ ފަހަރުއެވެ.