ރެއަކު 32 މީހުން މަރައިގެން ނަމަވެސް ޑްރަގް ޑީލަރުން މަރައި ޤައުމުން ހުސްކުރަން ފިލިޕިންސްގެ ރައީސް ހިއްވަރު ދެއްވައިފިއެވެ.
ރައީސް މިކަމަށް ހިތްވަރު ދެއްވީ ޑްރަގް ޑީލަރުން އަތުލައިގަންނަން އަންގާރަ ދުވަހުގެ ރޭ އަދި ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންތަކުގައި 57 މީހުން މަރާލާފައިވާއިރު އެއިގެ ތެރެއިން 32 މީހުން މަރައިލީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށްވާތީއެވެ.
އޭނާ ވިދާޅުވީ ފުލުހުން އޮޕަރޭޝަންތައް ހިންގަނީ މީހުން މަރަން ނޫން ކަމަށާއި އެމީހުން ހައްޔަރުކުރަން ކަމަށެވެ. އެހާލަތުގައި ފުލުހުންނަށް ނުރައްކާވުމުން އަމިއްލަ ހަށިގަނޑު ނުރައްކަލަށް ވައްޓައިލުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ފުލުހުންނާއި ކުރިމަތިލާ މީހުން ވަގުތުން މަރައިލުން ކަމަށެވެ.
އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުގެ ރޭ ދެ ސަރަހައްދެއްގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 179 މީހުން ވަނީ ހައްޔަރުކޮށްފައެވެ.