މާޅޮހުން ކުޑަހުވަދޫ މޮޅުވިޔަނުދީ ހިފަހައްޓައިފި

ކިޔުމަށް ހޭދަވާނީ 1މ 13ސ
މާޅޮހުން ކުޑަހުވަދޫ މޮޅުވިޔަނުދީ ހިފަހައްޓައިފި
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި އއ. މާޅޮހާއި ދ. ކުޑަހުވަދޫ ރޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނުނު މި މެޗި ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.

މި މެޗުގެ 5 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ކުޑަހުވަދޫ އިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އިބްރާހިމް އުޝާމަތުއެވެ.

ނަމަވެސް 33 ވަނަ މިނެޓުގައި މާޅޮހަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށްކުޅޭ ސްޕެއިން ފޯވަރޑް އެންހެލް މުނޯޒް ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ކުޑަހުވަދޫއަށްވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު މުހައްމަދު އިސްމާއިލް ފޮނުވާލި ޕެނަލްޓީ މާޅޮހުގެ ގޯލްކީޕަރު އިބްރާހިމް ޒަމީރު ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފު މި ނަތީޖާގައި ނިންމާލި އިރު، ދެވަނަ ހާފު ފަށައިގެންވެސް ފުރަތަމަ ލީޑު ނެގީ ކުޑަހުވަދޫންނެވެ. މިފަހަރު ލީޑު ނަގައިދިނީ 50 ވަނަ މިނެޓުގައި އާދަމް ޝަމީމުއެވެ. އެކަމަކު މާޅޮހުން ކުޅުން ރަނގަޅުކޮށް 74 ވަނަ މިނެޓުގައި އެންހެލް ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ނަތީޖާ ހަމަކޮށްދީފައެވެ.

ތިން މެޗުން ދެ ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައި މާޅޮސް އޮތްއިރު ކުޑަހުވަދޫ އޮތީ އެއް ޕޮއިންޓާ އެކު ފުލުގައެވެ. އެއް ވަނައިގައި 6 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ މާޒިޔާ އެވެ.

ލީގުގައި މިއަދު ހަވީރު ބައްދަލުކުރާނީ ގދ. ތިނަދޫ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި މިރޭ ބައްދަލުކުރާނީ މާޒިޔާ އާއި ށ. މިލަންދޫ އެވެ.

މިއަދު އޮންލައިން