ބަންގްލަދޭޝް ގެ އިރުއުތުރު ސަރަޙައްދުގައި އޮންނަ ތަކުރްގަން ހާރީޕޫރް އުޕަޒިލާ ސަރަޙައްދުގައި، ބިންކޮޅެއްގެ ބޭނުމުގައި ފިރިހެނަކު އޭނާގެ އުމުރުން ދުވަސްވީ މަންމައަށް އިހާނެތިކޮށް ކަންތައްކޮށްފިއެވެ.
ބަންގްލަދޭޝް ގެ ފުލުހުން މިދިޔަ ބުދަ ދުވަހުގެ ރޭ މިފިރިހެން މީހާއާއި އޭނާގެ އަންހެނުން ރާނޫ ހައްޔަރު ކުރީ، އުމުރުން 85 އަހަރުވީ މަންމައާއި މެދު އިހާނެތިކޮށް ކަންތައްކޮށް އަނިޔާ ކުރާކަމަށް އެމީހުންގެ އަވައްޓެރިން ރިޕޯޓު ކުރުމުންނެވެ.
އުމުރުން 60 އަހަރުގެ ބޯދިރް އުއްދިން ގެ މައްޗަށް، ހެއްކާއިއެކު ދައުވާ ކޮށްފައިވަނީ ބިންކޮޅެއްގެ ބޭނުމުގައި އޭނާގެ މަންމަ ތަސްލީމާ ޚާތޫން އަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުން ދީފައިވާ ކަމުގެ ދައުވާ އެެވެ.
ބަންގްލަދޭޝް ގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފުލުހުންނާއި އާއްމުންގެ ބައެއް މީހުން ބުނެފައިވަނީ، މީގެ 25 އަހަރު ކުރިން ތަސްލީމާ ގެ ފިރިމީހާ ނިޔާވެފައިވާ ކަމަށާއި އޭނާގެ ދެ އަންހެން ދަރިންނާއި ދެ ފިރިހެން ދަރިން ތިބިކަމަށެވެ. އެއް އަވަށެއްގައި އުޅުން ކަމުގައި ވިޔަސް، ދަރިންގެ އެއްވެސް އަޅާލުމެއް ތަސްލީމާއަށް ލިބިފައިނުވާތީ، ފިރިމީހާ ނިޔާވުމުން ތަސްލީމާ ދިރިއުޅެމުން ގެންދިޔައީ ދޮށީ ފިރިހެން ދަރިފުޅު ބޯދިރް އާއި އޭނާގެ އަންހެނުން ރާނޫ އާއިއެކު އެވެ.
އަވައްޓެރިން މަޢުލޫމާތު ދިން ގޮތުގައި، ތަސްލީމާގެ ނަންމަތީގައި އޮތް ބިންކޮޅެއް ބޯދިރް ގެ ނަންމައްޗަށް ރެޖިސްޓަރ ކުރުމަށް ބުނެ، ފަހަކަށް އައިސް ބޯދިރް އާއި އޭނާގެ އަންހެނުން ވަނީ ނުފޫޒް ފޯރުވާފައެވެ.
ނަމަވެސް އެކަމަށް މަންމަ ތަސްލީމާ އެއްބަސް ނުވުމުން، އެކި ގޮތްގޮތުން އެމީހުން ވަނީ ތަސްލީމާއަށް އިހާނެތި ގޮތްގޮތް ހަދާ ދުއްތުރާތައް ކޮށްފައެވެ.
އެގޮތުން އެއްފަހަރަކު، ރާނޫ ގާތު ބަތްކޮޅެއް ދޭން ތަސްލީމާ އެދުމުން، އޭނާއާއި ދިމާލަށް ރާނޫ ވަނީ ވަރަށް ހުތުރުކޮށް އެއްޗެހި ގޮވާފައެވެ. އަދި މީގެ އިތުރުން ތަސްލީމާގެ ވާތުލޮލަށް ދަނޑިކޮޅެއް ހަރާ ތަސްލީމާ ގައިގާ ރާނޫ ވަރަށް ގިނައިން ތެޅި ކަމަށް ވެސް އަވައްޓެރިން ވަނީ މަޢުލޫމާތު ދީފައެވެ.
ބޯދިރް ގެ އަންހެނުންގެ އިތުރުން ބޯދިރް ވެސް ވަނީ އޭނާގެ މަންމައާއި މެދު އިހާނެތިކޮށް ކަންތައް ކޮށްފައެވެ. އެގޮތުން މަންމަ ގެ އަތުގައި ހިފާ ގެއިން ބޭރަށް އެއްލާލާފައި އެމީހުންނާއި އެކު ދިރިއުޅެން ތަސްލީމާ ބޭނުންނަމަ، ތަސްލީމާއަށް ޖެހޭނީ އެބިންކޮޅު އެމީހުންގެ ނަންމައްޗަށް ރެޖިސްޓަރ ކުރަންކަމަށް ބޯދިރް ބުނިކަމަށް މަންޒަރުދުށް މީހުން ބުނެފައިވެއެވެ.
ތަސްލީމާގެ އަވައްޓެރިއެއް ކަމަށްވާ ސޮއިދޫރް ރަޙްމާން ވަނީ ތަސްލީމާއަށް ބޭސް ފަރުވާ ކުރުމަށް އޭނާ ގޮަވައިގެން ހާރީޕޫރް ހެލްތު ކޮމްޕްލެކްސް އަށް ގޮސްފައެވެ. އަދި މިކަންތައްގަނޑު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް އަވާލް ގެ ސަމާލުކަމަށް ދިޔައީ ތަސްލީމާ ގެ އެހެން އަވައްޓެރިއެއް ކަމަށްވާ އަންވަރު ހުސެއިން، ތަސްލީމާ ގެ ވީޑިއޯއެއް ފޭސްބުކް ގައި އަޕްލޯޑް ކުރިފަހުންނެވެ. ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޑެޕިއުޓީ ކޮމިޝަނަރ ވަނީ ތަސްލީމާއާއި ބައްދަލުކޮށް، އޭނާގެ ބޭސް ފަރުވާއަށް ތަކުރްގަން ސާދާރް ހޮސްޕިޓަލް އަށް ތަސްލީމާ ފޮނުވާފައެވެ. އަދި މިވަގުތުވެސް ތަސްލީމާއަށް އެހޮސްޕިޓަލުން ފަރުވާ ލިބެމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޑޮކްޓަރުން ބުނިގޮތުގައި ތަސްލީމާ ގެ ޙާލަތު ދަނީ ރަނގަޅު ވަމުންނެވެ. ނަމަވެސް އޭނާއަށް ވަރަށް ބޮޑަށް އަޅާލުން ބޭނުންވެއެެވެ.