މިއަހަރުގެ އުމުރުން އެންމެ ދުވަސްވީ ޙައްޖާޖީ، މިހާރުވީ މައްކާގައި

ކިޔުމަށް ހޭދަވާނީ 1މ 13ސ
މިއަހަރުގެ އުމުރުން އެންމެ ދުވަސްވީ ޙައްޖާޖީ، މިހާރުވީ މައްކާގައި
އިންޑޮނޭޝިއާގެ ރައްޔިތެއް ކަމަށްވާ، އުމުރުން 104 އަހަރުގެ ބައިޤް މާރިއާ، ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް އިއްޔެ މައްކާއަށް ގޮސްފިއެވެ.

މިހާތަނަށް ބަލާއިރު މިއަހަރު ޙައްޖުގެ މަތިވެރި އަަޅުކަން އަދާކުރުމަށް އިންޑޮނޭޝިއާ އިން އެކަނިވެސް 221،000 ޙައްޖާޖީން މައްކާއަށް ގޮސްފައިވާއިރު، ބައިޤް މާރިއާ އަކީ ދުނިޔޭގެ އެހެން ޤައުމުތަކުން ދިޔަ ޙައްޖާޖީންގެ ތެރެއިން ވެސް އެންމެ އުމުރުން ދުވަސްވީ ޙައްޖާޖީއެވެ.

"އޭނާގެ ސިއްޙަތު ހަމަ ރަނގަޅު. ޙައްޖުގެ އަޅުކަން އަދާ ކުރެވޭނެހާ ހިތްވަރާއި ކުޅަދާނަކަން އޭނާގެ އެބަހުރި" ސައުދީ އަރަބިއާ ގައި ހުންނަ ހެޑް އޮފް އިންޑޮނޭޝިއަން ކޮންސިއުލޭޓް މުޙައްމަދު ހެރީ ސަރަފުއްދީން ވިދާޅުވިއެވެ.

މީގެ އިތުރުން މުޙައްމަދު ހެރީ ސަރަފުއްދީން ވިދާޅުވީ، މައްކާގައި ބައިޤް މާރިއާއަށް ޙިދުމަތް ދެވޭނީ ވަރަށް ވެސް ޚާއްސަ އަދި ތަފާތު ގޮތަކަށް ކަމަށާއި ޙައްޖުގެ އަޅުކަން ފަސޭހަކަމާއިއެކު އަދާކުރެވޭނެ އިންތިޒާމް ބައިޤް މާރިއާ އަށް ހަމަޖައްސާ ދެވޭނެ ކަމަށެވެ.

އިންޑޮނޭޝިއާ އިން ޙައްޖަށް ދާން ފުރުސަތު ލިބޭތޯ ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި މިލިއަނެއްހާ މީހުން ހުށަހަޅާއިރު، އޭގެތެރެއިން ގިނަ މީހުން ގާތްގަނޑަކަށް ހަ އަހަރު ވަންދެން މިފުރުސަތު ލިބޭތޯ އިންތިޒާރު ކުރާކަމަށާއި، އެހެންކަމުން އެއުމުރުގައި ބައިޤް މާރިއާ އަށް އެފުރުސަތު ލިބުމަކީ އޭނާގެ ނަސީބު ރަނގަޅުކަން ކަމަށް ވެސް މުޙައްމަދު ހެރީ ސަރަފުއްދީން ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދު އޮންލައިން