90 ގެ ބޮލީވުޑް ފިލްމުތަކުން ދިން ނޭދެވޭ މެސެޖުތަކެއް

ކިޔުމަށް ހޭދަވާނީ 3މ 33ސ
90 ގެ ބޮލީވުޑް ފިލްމުތަކުން ދިން ނޭދެވޭ މެސެޖުތަކެއް
ބޮލީވުޑް ގެ ފިލްމުތަކަކީ އަބަދުވެސް އެފިލްމުތަކުން މުޖުތަމައުއަށް ކޮންމެވެސް ކަހަލަ މެސެޖުތަކެއް ދޭކަމަށް މަޝްހޫރުވެފައިވާ ފިލްމުތަކެކެވެ. އެކި ކަހަލަ ލޯބީގެ ވާހަކަތަކާއި، އާއިލީ މައްސަލަތައް، ނޫންނަމަ އެކްޝަން އަދި ސިޔާސީ ކުޅިގަނޑެއް ދައްކުވާ ދޭ ފިލްމުތަކުން ވެސް މުޖުތަމައުއަށް ކޮންމެވެސް ކަހަލަ މެސެޖުތަކެއް ފޯރުކޮށްދީފައިވެއެވެ.

ބޮލީވުޑްގައި މިހާރުވެސް ގިނަ ބަޔަކު އެންމެ ގިނައިން ތަޢުރީފުކުރާ ފިލްމުތަކަކީ 1990 ގެ އަހަރު ތަކުގައި އުފެއްދި ފިލްމުތަކެވެ. ނަމަވެސް، އަޅުގަނޑުމެންނަށް ދީވާނާ ވެވުނު އެފިލްމުތަކުން، ޙަޤީޤަތުގައި ވަރަށް ނޭދެވޭ މެސެޖެއް ދޭހަކޮށްދޭކަން މިވަނީ ހާމަވެފައެވެ. އެގޮތުން ތިން ފިލްމަކާއި، އޭގެން ދޭހަކޮށްދިން މެސެޖުތައް އަންގާލާނަމެވެ.

ދިލްވާލޭ ދުލްހަނިޔާ ލޭޖާއެނގޭ

ގިނަ ބަޔަކަށް އެއިރުވެސް އަދި މިހާރުވެސް އެންމެ ކަމުދާ އެއް އޮން-ސްކްރީން ޖޯޑު ކަމަށްވާ ޝާޚްރުކް ޚާން އާއި ކާޖޮލް އެކްޓުކޮށްފައިވާ މިފިލްމަކީ، ގިނަ ލޯބިވެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. އެފިލްމުގެ "ރާޖް" އާއި "ސިމްރަން"އަކީ ލާމަސީލު ދެލޯބިވެރިން ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ދެކުނެވެ. ނަމަވެސް އެފިލްމުގައި ރާޖް އާއި ސިމްރަން އެންމެ ފުރަތަމަ ދިމާވާއިރު ފެންނަނީ ރާޖް ސިމްރަން އާއި ވަރަށް ބޮޑަށް ފޮށޭ ތަނެވެ. އެގޮތުން މަޖަލަކަށް ކަމަށް ހަދާފައި، މަގުމަތީގައި އުޅޭ "ފޮށޭ" މީހުން ފަދައިން ރާޖް ވެސް ސިމްރަން އަށް ދުއްތުރާ ކުރަމުން ދިޔައެވެ. އަދި އޭގެއިތުރުން، ރާބޮއެގެން ސިމްރަން މަސްތުވެ، ފަހުން ހޭޖެހުމުން ސިމްރަން އޭނާއާއިއެކު ނިދިކަމަށް ބުނެ ދޮގުހަދާ، ސިމްރަން ގެ ދަބަހުން އޭނާގެ "އަމިއްލަ" އެއްޗެއްވެސް ވަގަށް ނަގައިގެން ދައްކާ ސިމްރަން ހާސްކުރުވިއެވެ. މަކަރާއި ހީލަތުން ފެށުނު އެފަދަ ލޯތްބެއް ލާމަސީލު ލޯތްބަކަށްވާ ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ.

ކުޗް ކުޗް ހޯތާ ހޭ

"ކުޗް ކުޗް ހޯތާ ހޭ" އަކީ 1998 ވަނަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން މުޅި ދުނިޔެއިން ވެސް އެންމެ މަޤްބޫލު ފިލްމުކަމުގެ ރިކޯޑް ހޯދި ފިލްމެކެވެ.ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ މިފިލްމުން ބޮޑަށް ދައްކުވާދެނީ ރާހުލް އާއި އަންޖަލީ ގެ ލޯތްބެވެ. ނަމަވެސް ރާހުލް އަކީ ރީތިކަމަށް ލޯބިކުރާ މީހެއްކަން މިފިލްމުން ދައްކުވާދޭކަން މިއެނގުނީ މާފަހުންނެވެ. އަންޖަލީ އެންމެ ފުރަތަމަ އެއްވެސް ވަރަކަށް މޭކަޕް ނުކޮށް، ފެޝަން ގޮތްގޮތަށް ހެނދުން ނާޅާ، ފިރިހެން ކުދިންނަށް ދޫނުކޮށް ބާސްކެޓް ބޯޅަ ކުޅުމަށް ވެސް އެހާ ހުށިޔާރުވެފައި ހުރި އިރު، ރާހުލްއަށް އަންޖަލީ ފެނުނީ ހަމައެކަނި "އަންހެންވަންތަ ކަމެއް ނެތް" ރަޙްމަތްތެރިއެއްގެ ގޮތުގައެވެ. ނަމަވެސް ޓީނާ މަރުވުމަށްފަހު، އޭގެ އަށް އަހަރުފަހުން ރާހުލް އަށް އަންޖަލީ ފެންނައިރު އޭނާ ސާޅި އަޅާފައި ހުރެ، އިސްތަށިގަނޑު ދިގުކޮށް އަދި އެހެން އަންހެން ކުދިންނެކޭ އެއްފަދައިން މޭކަޕް ކޮށްފައި ހުރުމުން، ވަގުތުން ރާހުލް ގެ ހިތް އަންޖަލީއަށް ލެނބުނެވެ. ވީމާ، މިފިލްމުން މިދައްކުވާދެނީ ރީތިކަމަށް އިސްކަން ދިނުން ނޫން ހެއްޔެވެ؟ ފިލްމުގެ ދެއްކުންތެރިކަމާއިމެދު، ވަރަށް ފަހުން މިފިލްމުގެ ޕްރޮޑިއުސަރ ކަރަން ޖޯހަރް ވެސް ވަނީ އެއްބަސްވެ ބެލުންތެރިންގެ ކިބައިން މާފަށް އެދިފައެވެ.

ހަމް އާޕްކޭ ހޭ ކޯން

މިފިލްމުގައި ލީޑް ރޯލް އަދާކޮށްފައިވަނީ ސަލްމާން ޚާން އާއި މަދޫރީ ދިކްޝިތު އެވެ. ލޯބީގެ ވާހަކައެއް އެކުލެވޭ މިފިލްމުވެސް ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، ޙަޤީޤަތުގައި މިއީ ވަރަށް އެހެން ކަހަލަ ނޭދެވޭ ކަންތައްގަނޑެއް ދައްކުވާދޭ ފިލްމެކެވެ. މަދޫރީ އާއި ސަލްމާން ލޯބީގެ ގޮތުން ގުޅޭއިރު، ސަލްމާންގެ ބޭބެ މޮހޮނިޝް އުޅެނީ މަދޫރީގެ ދައްތައާއި ކައިވެނި ކޮށްގެންނެވެ. ނަމަވެސް ދިމާވާ އެކްސިޑެންޓަކަށްފަހު، މަދޫރީގެ ދައްތަ މަރުވުމުން، އެދެމީހުންގެ އާއިލާއިން ވެސް އެދެނީ މަދޫރީ އާއި މޮހޮނިޝް ދެން ކައިވެނި ކުރުމަށެވެ. ޅިއަންބެއާއި ކޮއްކޮ ކައިވެނި ކުރުން ރީތިކަމަކަށް ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. ފިލްމުގައި މަދޫރީ ބޭނުންވާ ގޮތެއް އޮޅުންފިލުވުމެއް ނެތި މިފަދަ ކަންތައްގަނޑެއް ދެއްކުމުން ހީވަނީ މަދޫރީ އަކީ ހިފާ ގެންގުޅޭ ހަރުމުދަލެއް ހެންނެވެ.
މިއަދު އޮންލައިން