ސަލްމާން ރަސްގެފާނާ ޝައިޚް ޢަބްދުﷲ ގެ މަޝްވަރާތަކުން ޤަތަރު މައްސަލައަށް ހައްލެއް ލިބިދާނެ ކަމުގެ އުންމީދު އާވެއްޖެއެވެ.
ޤަތަރުގެ ޝަހީ ޢާއިލާގެ އިސްބޭފުޅެއް ކަމަށްވާ ޝައިޚް ޢަބްދުﷲ އަލްޘާނީ އާއި ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި ދެބޭފުޅުންގެ މެދުގައި ކުރެއްވުނު މަޝްވަރާތަކަށްފަހު ދެ ޤައުމުގެ މެދުގައި އަދި އަރަބި ޤައުމުތަކާއި ޤަތަރާއި މެދު އުފެދިގެން އުޅޭ މައްސަލަތަކަށް ހައްލެއް ފެންނާނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ކަމަށް ޝައިޚް ޢަބްދުﷲ މިހާރު ވަނީ ހާމަކުރައްވައިފައެވެ.
ޝައިޚް ޢަބްދުﷲ ވަނީ ޤަތަރުގެ ހައްޖުވެރިންނަށް ސަލްމާން ރަސްގެފާނު ކަންތައްތައް ފަހިކޮށްދެއްވުމުން އެކަންކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ. ޝައިޚް ޢަބްދުﷲ ވިދާޅުވެފައިވަނީ ދެޤައުމުގެ މެދުގައި އުފެދިފައިވާ މައްސަލަތައް މަޝްވަރާއިން ހައްލުކުރެވޭނެ ކަމަށެވެ. އަދި ޤަތަރާއި ސައުދީގެ މެދުގައި އޮތް ގާތްކަން ކެނޑިގެން ނުވާނެ ކަމަށެވެ.
ސައުދިއަރަބިޔާ އަށާއި ޤަތަރަށްވެސް ފައިދާ ބޮޑުވާނީ ދެ ޤައުމުގެ މެދުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރެވިގެންނެވެ. ދެ ޤައުމު ގުޅިގެން މަސައްކަތްކޮށްގެންނެވެ.
މައްސަލަތައް ހައްލުވަމުން އަންނަކަމާއި އެކަމަށް ފުރުޞަތު ބޮޑުކަން ބަޔާންކުރެއްވުމަށް ޝައިޚް އަބްދުﷲ މިއަދު ވަނީ ވަރަށް ގިނަ ޓްވީޓް ވެސް ކުރައްވައިފައެވެ.