ޙައްޖު މޫސުން ފެށި ގިނަ އަދަދެއްގެ މީހުން ހަްއޖަށް ގޮސް ފައިސާ މާރުކުރަން ފެށުމާއި ގުޅިގެން ސައުދީ ރިޔާލައަށް ބާރު ބޮޑުވެފައިވާ ކަމަށް ބޭންކުތަކުން ބުނަން ފަށައިފިއެވެ.
ސައުދީ ސެންޓްރަލް ބޭންކުން ބުނީ މިދުވަސްވަރާއި ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ގެންދަނީ ފައިސާ މާރުކުރަމުން ކަމަށެވެ. އެހެންކަމާއިއެކުގައިވެސް ރިޔާލަ ލިބުން ދަތި ނުވާނެ ކަމަށެވެ.
މިދުވަސްވަރަށް ބެލި ނަމަވެސް ދުވާލަކު 5 މިލިއަނަށްވުރެ ގިނަ ރިޔާލަ ދަނީ މާރުކުރަމުންނެވެ. އެއާއިއެކު ރިޔާލަގެ އަގުވެސް ވަނީ ކޮންމެވެސް ވަރަކަށް އުފުލައިފައެވެ.
ހައްޖު މޫސުމާއި ދިމާކޮށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ފައިސާ މާރުކޮށްދޭންޖެހޭއިރު ބައެއް ޤައުމުތަކުގެ ފައިސާ އަކީ ވަރަށް އަވަހަށް އަގު ބަދަލުވުމުގެ އޮންނަ ފައިސާއަކަށްވާތީ އެކަމަށް ސަމާލުކަން ދޭންޖެހޭކަންވެސް ބޭންކުތަކުން ފާހަގަކުރެއެވެ.