ރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުންވާ މުވާސަލާތީ ޚިދުމަތްތައް ވީހައި ފުރިހަމައަށް ފޯރުކޮށްދޭން ދިރާގު އަބަދުވެސް އޮތީ ތައްޔާރަށް ކަމަށް އެކުންފުނިން ބުނެފިއެވެ.
ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ގެސްޓް ހައުސް ކޮންފަރެންސްގެ "ޓައިޓްލް ސްޕޮންސަރ" އަކަށް ދިރާގު ހަމަޖެހުމާއި ގުޅިގެން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މެންދުރު ދިރާގު މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އައިޒަބެލް ވިދާޅުވީ ރާއްޖޭގެ އިޤްޠީޞާދު ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުން އަދާކުރަންޖެހޭ ދައުރު ވަރަށް މުހިން މު ކަމަށާއި އަލަށް އުފެދި ތަރައްޤީ ވަމުން އަންނަ ގެސްޓް ހައުސް އިންޑަސްޓްރީގެ ދައުރުވެސް އެހައިމެ މުހިންމު ކަމަށެވެ.
"އެހެންކަމާއިއެކުވެސް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ގިނަ. ގެސްޓް ހައުސް ކޮންފަރެންސްގެ ތެރެއިން ސިނާއަތުގެ އެންމެންނަށް ބައްދަލުވެވޭނެ. ހުރި ގޮންޖެހުންތަކަށާ ކުރިއެރުމަށް ކުރަންހުރި ކަންކަމަށް މަޝްވަރާ ކުރެވޭނެ. ކުރިއަށް ދިއުމަށް މަގުފަހިކުރަން ކުރަންޖެހިފައިވާ މަސައްކަތްތަކަށް މަޝްވަރާކުރެވޭނެ."
އައިޒަބެލް ވިދާޅުވީ މި ކޮންފަރެންސް ދިރާގަށްވެސް ވަރަށް މުހިންމު ކަމަށެވެ. ވީހައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ދިރާގަށް ކުރެވެންހުރި ކަންކަން ފާހަގަކޮށް ހައްލު ހޯދައިދޭން މަސައްކަތްކުރުމުގެ ފުރުޞަތު އިތުރަށް ލިބިގެންދާނެ ކަމަށެވެ.
ގެސްޓް ހައުސް އިންޓަރނެޓްގެ ނަމުގައި ދިރާގުން މިހާރުވެސް ގެންދަނީ ގެސްޓް ހައުސްތަކަށް ޚާއްޞަ ޕެކޭޖެއް ތަޢާރަފްކޮށް ޚިދުމަތް ދެމުންނެވެ.
ގެސްޓް ހައުސް އިންތިޒާމް ކުރާ މޯލްޑިވްސް ގޭޓްވޭ އިން ބުނީ ރާއްޖޭގެ ތިމާވެށްޓަށް ޚިދުމަތްކުރަން ދިރާގުން މިހާރުވެސް ފަށާފައިވާ މަޝްރޫއުގެ ތެރެއިންވެސް ގެސްޓް ހައުސްތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.