އަޅާލާނެ މީހެއް ނެތް، ކައިބޮއެ އުޅެނީ މަގުމަތިން މުގުހޮވައިގެން އެވިއްކައިގެން

ކިޔުމަށް ހޭދަވާނީ 1މ 58ސ
އަޅާލާނެ މީހެއް ނެތް، ކައިބޮއެ އުޅެނީ މަގުމަތިން މުގުހޮވައިގެން އެވިއްކައިގެން
ބަންގްލަދޭޝްގެ މުންޝީގަންޖް، މޮކްތާޕޫރް ގެ ރިކާބީ ބާޒަރުގައި ދިރިއުޅޭ ޕްރިޔާ ގެ އުމުރުން މިހާރު 70 އަހަރެވެ. ޕްރިޔާއަކީ އަޅާލާނެ މީހެއް ނެތް، އެކަނިވެރިއެކެވެ. އުމުރުން ދުވަސްވެފައިވީ ނަމަވެސް، ޕްރިޔާ ކައިބޮއެ އުޅެނީ އަމިއްލައަށް ބުރަ މަސައްކަތުން ހޯދާ ފައިސާއިންނެވެ.

ކޮންމެ ދުވަހަކު އޭނާ މަގަށް ނިކުމެވެ. ސަލާން ޖަހާކަށް ނޫނެވެ. އެއީ ކައިރި ފެކްޓަރީތަކަށް ބޮޑެތި ލޮރީތަކުންމުގު ބަސްތާ ގެންދާއިރު، އެބަސްތާތަކުން ބައެއް ފަހަރު މަގުމައްޗަށް ވެރޭ މުގު ހޮވުމަށެވެ.

އުމުރުން ދުވަސް ވެފައިވުމުގެ ސަބަބުން ޕްރިޔާއަށް ހޮވެނީ ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ތިން ކިލޯ ނުވަތަ ހަތަރު ކިލޯ މުގެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ގާތްވަންދެން ޕްރިޔާ މުގު ހޮވައެވެ. އެއަށްފަހު ކުނިތަކާއި މުގުތައް ވަކިކޮށް، ކައިރި ފިހާރައަކަށް އެމުގުކޮޅު ވިއްކައިގެން ފައިސާ ހޯދައެވެ. އެއީ ގާތްގަނޑަކަށް 30 ޓާކާ އެވެ.

ޕްރިޔާ އެފައިސާ ބޭނުން ކުރަނީ އޭނާ ކާން ބަތްކޮޅަކާއި ތަރުކާރީކޮޅެއް ގަތުމަށެވެ. ދުވާލަކު އެއް އިރު ކައިގެން ހުންނަން ޖެހުން ކަމުގައި ވިޔަސް، ޕްރިޔާގެ ހިތްވަރު ބަލިކައްޓެއް ނުވެއެވެ. ޕްރިޔާ އަކީ އެކަނިވެރި އަންހެނަކަށް ވުމުން، އުމުރުން ދުވަސްވީ މީހުންނަށް ލިބެންޖެހޭ އިނާޔަތް ހޯދުމަށް އެތައް ފަހަރެއް މަތިން ޔޫނިއަން އޮފީހަށް ޕްރިއާ ދިޔައެވެ. ނަމަވެސް އެފައިސާކޮޅު ޕްރިޔާއަށް ހޯދާދިނުމަށް އެއްވެސް ފަރާތަކުން އެހީތެރިވެފައެއް ނުވެއެވެ.

އޭނާ ބޮޑަށް އެކަނިވެރިވީ 1973 ވަނަ އަހަރު އޭނާގެ ފިރިމީހާ ނިޔާވުމަށްފަހުއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ބަލާ ބޮޑުކުރުމުން، ކައިވެނިކޮށްގެން ބަންގްލަދޭޝް ދޫކޮށް އިންޑިއާ އަށް އެދަރިފުޅު ވެސް ދިޔައީއެވެ. ދަރިފުޅު ދިރިއުޅެނީ ކޮންތަނަކު ކަމެއްވެސް ޕްރިޔާ އަކަށް ނޭނގެއެވެ. އަދި ޕްރިޔާގެ ހާލު އެދަރިފުޅެއް ނުބަލައެވެ.

ދިރިއުޅެމުން ދިޔަ ގެ ގެއްލުމުން، މިހާރު ޕްރިޔާ ނިދަނީ ފޮނި ކާތަކެތި ވިއްކާ ފިހާރައެއްގެ ދޮރުމަތީގައި ޕްލާސްޓިކް ޝީޓެއް އަޅައިގެންނެވެ. އެހެން އޮވެ ބަލިވިޔަސް އަޅާލާނެ މީހެއް ނުވެއެވެ.

ޕްރިޔާ ބުނިގޮތުގައި އޭނާ އެންމެ ބޮޑަށް ދެކޭ ހިތްވަނީ އޭނާގެ ދަރިފުޅެވެ. ނަމަވެސް މިހާރު ދަރިފުޅު ފެނުނަސް ނޭނގޭނެ ކަމަށާއި ދަރިފުޅުގެ ސިފަވެސް ހަނދާން ނުވާކަމަށް ޕްރިޔާ ބުންޏެވެ. މަޔަކު ދުނިޔޭގައި ހުރިކަން ދަރިފުޅު ހަނދާން ނުވިކަމގައި ވިޔަސް، އެމައިމީހާގެ އަބަދުމެ ދުޢާ އަކީ ކޮންމެވެސް ދުވަހަކުން ދަރިފުޅު އޭނާ ހޯދަން އައުމެވެ.
މިއަދު އޮންލައިން