ސްވިމިންގ ޕޫލެއްގައި ތާށިވި އަންހެނަކު ފޭސްބުކްގެ ޒަރީޢާއިން ސަލާމަތްވެއްޖެއެވެ.
ޢުމުރުން 61 އަހަރުގެ އެމެރިކާގެ މީހެއްކަމަށްވާ ލެސްލީ ކޯން ވަނީ 3 ގަޑިއިރު ވަންދެން ސްވިމިންގ ޕޫލުން ނޭރި ތާށިވެފައެވެ. އޭނާއަށް ސްވިމިންގ ޕޫލުން ނޭރުނީ، އޭނާ ސްވިމިންގ ޕޫލުން އަރަން އުޅެނިކޮށް ސިޑި ހަލާކުވުމުންނެވެ. އަދި އެވަގުތު އެ ހިސާބުގައި އެކަކުވެސް ނެތުމުންނެވެ.
ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން ލެސްލީ އަކީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. އަދި އޭނާ ސްވިމިންގ ޕޫލަށް އެރުނީ އޭނާގެ އައިޕެޑް އަތުޖެހޭ ހިސާބުގައި ބާއްވާފައިކަމަށްވާތީ، ސްވިމިންގ ޕޫލުން ނޭރުމުން އޭނާ ވަނީ ފޭސްބުކް ސްޓޭޓަސްގައި އެވާހަކަ ލިޔެފައެވެ.
"އަހަރެން މިއޮތީ ސްވިމިންގ ޕޫލެއްގައި ތާށިވެފަ. ނޭރިފަ. އަހަންނަށް ކޮންމެވެސް މީހަކު އެހީވެބަލަ" ލެސްލީގެ ސްޓޭޓަސްގައި ވެއެވެ.
" މިއީ ޒަމާނީ ޓެކްނޮލޮޖީގެ މުހިންމުކަން. މި ޓެކްނޮލޮޖީ ނެތްނަމަ އަހަރެން މިއަދު މަރުވީސް" ސަލާމަތް ކުރުމުން ލެސްލީގެ ފޭސްބުކްގައި ލިޔެފައިވެއެވެ.