ސީރިއާ އަށް ފަންޑު ހޯދާދޭން، ވައިޓްޗެޕަލް އިން މައްކާއަށް ދަނީ ބައިސްކަލުގައި

ކިޔުމަށް ހޭދަވާނީ 1މ 31ސ
ސީރިއާ އަށް ފަންޑު ހޯދާދޭން، ވައިޓްޗެޕަލް އިން މައްކާއަށް ދަނީ ބައިސްކަލުގައި
ވައިޓްޗެޕަލް އިން މައްކާއަށް ޙައްޖުގެ މަތިވެރި އަޅުކަން ކުރުމަށް، ލަންޑަނުން ޙައްޖާޖީންގެ ގްރޫޕެއް ބައިސްކަލުގައި ދަތުރު ފަށައިފިއެވެ. ބައިސްކަލުގައި ދަތުރުކޮށްފައި އެޙައްޖާޖީން މައްކާއަށް ދަތުރު ކުރަނީ، ސީރިއާ އަށް އެމްބިއުލޭންސް ހޯދާދިނުމަށްޓަކައި ފަންޑް ހޯދުމަށް ކަމަށް މީޑިއާތަކަށް މަޢުލޫމާތު ދީފައިވެއެވެ.

މައްކާއަށް ދަތުރު ކުރެވުމާއި ދެމެދު 2200 މޭލު ހުރިކަމުގައި ވިޔަސް، ލަންޑަން ގެ އުތުރުން ވައިޓްޗެޕަލް އިން މިޙައްޖާޖީންގެ ގްރޫޕް މިދަތުރު ފަށާފައިވަނީ ދަތުރު އެއްކޮށް ނިންމުމުގެ މަޤްސަދުގައި ކަމަށް އެމީހުން ވަނީ މަޢުލޫމާތު ދީފައެވެ.

ބައިސްކަލުގައި މައްކާއަށް ދަތުރުކުރުން ރާވާާ ހިންގުމުގައި އެންމެ އިސްކޮށް އުޅުނީ ޑޮން ވައިޓް އާއި ޝާހިބް ޔޫސުފް މުޙައްމަދު އެވެ. އެމީހުންނާއިއެކު އިތުރު 12 ވަރަކަށް މީހުން ބައިސްކަލުގައި މައްކާއަށް ދިޔުމަށް ދަތުރު ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ޖުމްލަ ހަ ހަފްތާ ވަންދެން އެމީހުން މިދަތުރުގައި އުޅޭނެ ކަމަށާއި، 110،000 އުސްމިނަށް ވެސް ބައިސްކަލުގައި ދުއްވާފައި އަރާނެ ކަމަށް ދަތުރުގެ އެއް އޯގަނައިޒަރ ޔޫސުފް މުޙައްމަދު ބުނެފައިވެއެވެ. އަދި މަދީނާއަށް ދެވޭނީ ހަތް ޤައުމެއް ފަސްދިނުމަށް ފަހު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޔޫސުފް މުޙައްމަދު ބުނި ގޮތުގައި، ތަފާތު 15 ޤައުމެއްގެ ބައިސްކަލު ދުއްވުން ތެރިންނާއިއެކު މިދަތުރު އެމީހުން ފަށާފައިވަނީ، މިހާރު ސީރިއާ އަށް ދެމުން ގެންދާ ހަމަލާގައި އެތައް ބަޔަކު ގަތުލުވަމުން ދާތީ، "ހިއުމަން އެއިޑް" އާއި ގުޅިގެން، ސީރިއާ އަށް އިތުރު އެމްބިއުލޭންސް ހޯދާދިނުމަށް އެދެވޭ ވަރަކަށް ފަންޑު ހޯދުމަށްޓަކައެވެ. އެގޮތުން ކޮންމެ ބައިސްކަލުގައި ވައިޓްޗެޕަލް އިން މައްކާއަށް ދަތުރުކުރާ ކޮންމެ ޙައްޖާޖީއަކު 30،000 ޕައުންޑް ހޯދަން އަމާޒުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިއަދު އޮންލައިން