މަޝްހޫރު ކޮމެޑީ ސްޓޭޖް ޝޯވ "ދަ ކަޕިލް ޝަރުމާ ޝޯވ" އިން ނަޗްޖޯތް ސިންގ ސިއްދު (ސިއްދޫޖީ) ވަކިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ކަޕިލް ޝަރުމާ ދޮގުކޮށްފިއެވެ.
ޝޯވގެ ހޯސްޓު ކަޕިލް ޝަރުމާ ބުނީ އެފަދަ ވާހަކަތަކެއް ކުރިންވެސް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
"މީޑިއާގަ ދައްކާނެ ވަރަށް ތަފާތު ވާހަކަތައް. މިސާލަކަށް އަހަރުމެންގެ ޝޯވއަށް ޓައިގަރ ޝްރޮފް އައިރޭވެސް ސިއްދޫޖީ ނެތް. އެރޭވެސް ވަރަށްގިނަ މީހުން ދެއްކި އޭނާ (ސިއްދޫޖީ) ޝޯވއިން ވަކިވި ވާހަކަ" ކަޕިލް ބުންޏެވެ.
ކަޕިލް އިތުރަށް ބުނީ ސިއްދޫޖީއަކީ މިހާރު ކުރިއަށްވުރެ މާބޮޑަށް ޒިންމާދާރު ވަޒީފާއެއް އަދާކުރާ މީހެއް ކަމަށާއި އެހެންވެ ބައެއް ޝޯވތަކަށް ނާދެވެނީ ކަމަށެވެ. އަދި އެފަދަ ޝޯވއެއްގައި ސިއްދޫޖީގެ ބަދަލުގައި ގެންނާނެ ދެވަނަ މީހަކުވެސް ނެތް ކަމަށެވެ.
އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމަށްވެސް ކުޅެފައިވާ ސިއްދޫޖީ ސިޔާސީ މައިދާނަށް ނުކުތީ އިންޑިއަން ނެޝަނަލް ކޮންގްރެސް (އައިއެންޖީ) އިންނެވެ.
ސިއްދޫޖީއަކީ މިހާރު ޕުންޖާބު ސްޓޭޓުގެ ލޯކަލް ގަވަރމެންޓް، ޓޫރިޒަމް، ކަލްޗަރަލް އެފެއަރޒު މިނިސްޓަރއެވެ.